ނޫސްވެރިޔާ އަޙުމަދު ސާއިލް ޢަލީ ލިޔެފައިވާ " އެދުވަސް ގެނެވޭނެ" ފޮތް، ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހަދިޔާ ކޮށްފިއެވެ. މި ފޮތް ހުރިހާ ސްކޫލަކަށް ހަދިޔާ ކުރުމަށް ސާއިލު މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ހަވާލު ކޮށްފައެވެ. އެ ފޮތްތައް ސްކޫލުތަކަށް ހަދިޔާ ކޮށްފައިވަނީ ދިކޯ އިންވެސްޓްމަންޓް އެންޑް ކޮންސަލްޓިންގ ގްރޫޕް (ޑީ.އައި.ސީ.ޖީ)ގެ ސްޕޮންސާގެ ދަށުންނެވެ. މިމަހުގެ ނުވަ ވަނަ ދުވަހު ނެރުނު ސާއިލްގެ ފޮތް ލިޔެފައި ވަނީ ޗައިލްޑްހުޑް އެންޒައިޓީ އާއި އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑާ (އޯސީޑީ) އާއި އެންޒައިޓީ އާއި ޑިޕްރެޝަން ފަދަ ބަލިތަކުން އަރައިގަތުމަށް އޭނާ ކުރި މަސައްކަތާ ބެހޭ ގޮތުންނެވެ. "އެދުވަސް ގެނެވޭނެ" އެ ފޮތުގައި ވަނީ ދިރިއުޅުމުގެ ބައެއް ވޭންދެނިވި ނަފްސާނީ ބަލިތައް ދިމާވުމުގެ ސަބަބުތަކާއި، މި ބަލިތަކުން ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، އުފާވެރި ދިރިއުޅުމަކަށް ވާސިލް ވެވޭނެ ގޮތްތަކަށް އަލިއަޅުވާލައިފައެވެ.
"މި ފޮތަކީ ނަފުސާނީ ބައެއް ބަލިމަޑުކަމުގެ މައްޗަށް އަޅުގަނޑު އެކުލަވާލި ފޮތެއް. އަޅުގަނޑުގެ އަމިއްލަ ނަފުސުން އޭގެ ވަރަށް ގިނަ ކަންކަން ތަޖުރިބާކޮށް، ގިނަ ފަރާތްތަކެއްގެ އެހީގައި އަނދިރިކަމުގެ ޖަންގައްޔަކުން އަލިކަމުގެ ބަގީޗާއަކަށް ނިކުމެވުނު. އަޅުގަނޑުގެ އަމާޒަކީ އެކަންވީ ގޮތް ތިޔަ ބޭފުޅުންނާ ހިއްސާކޮށް، ހޭލުންތެރިކަން އިތުރުކޮށް މިފަދަ ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އުފަލާއެކު ހިނިތުންވެލުމަކީ ކުރެވޭނެ ކަމެއްްކަމުގެ އުންމީދާއި ހިތްވަރު ދިނުން،" ސާއިލް ބުންޏެވެ.
ސާއިލްގެ އަމިއްލަ ތަޖުރިބާގެ އިތުރުން އެ ފޮތުގައި ވަނީ، ނަފްސާނީ ބަލިތަކަށް ޚާއްޞަ ޑރ. އާރިފް މުޙައްމަދާއި، ޑރ. ޢަބްދުލް ޢަޒީޒް ޙަމީދާއި ސައިކޮލޮޖިސްޓް ފާތިމަތު ސައުދާ އާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް މެންޗެސްޓާގެ މެޑިކަލް ސްޓޫޑެންޓެއް އަދި ރިސާޗް އެސިސްޓެންޓެއް ކަމަށްވާ އާމިނަތު ނައުޝާ އަޙްމަދު ފަދަ ތަޖުރިބާކާރުންގެ ބަސްވެސް ހިމަނާފައެވެ. އެގޮތުން ރާއްޖޭގެ މުޖުތަމައުއާއި ނަފްސާނީ ބަލިތަކާ ހުރި ގުޅުމާ ބެހޭ ގޮތުން އެ ބޭފުޅުން ކުރައްވާފައިވާ ދިރާސާތަކުގެ ނަތީޖާ ހިމަނާފައިވެއެވެ. އެ ފޮތް މިހާރު ދަނީ 100 ރުފިޔާއަށް ވިއްކަމުންނެވެ. ނޫސްވެރިކަމުގައި މަސައްކަތް ކުރާތާ 10 އަހަރު ވެފައިވާ ސާއިލަކީ ސަން އޮންލައިންގެ އެސިސްޓެންޓް މެނޭޖިން އެޑިޓަރެވެ. އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމު ދެ ފަހަރަށް ހާސިލް ކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.