ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން, ދުބާއީގައި މިހާރު ކުރިއަށްދާ ދުބާއީ އިންޓަރނޭޝަނަލް ހޯލީ ޤުރުއާން ކޮމްޕެޓިޝަން 2022 ގައި ރާއްޖެ ތަމްސީލުކުރަމުންދާ އަހްމަދު ނަބީޙް މުބާރާތުގެ ދެވަނަ ބުރަށް ހޮވިއްޖެއެވެ.

ދިވެހިރާއްޖޭގެ ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އައްޝައިޙް އިލްޔާސް ޖަމާލް ވިދާޅުވީ, ނަބީހް އެހޯއްދެވި ކާމިޔާބީ އަކީ ރާއްޖެ ފަޚުރުވެރިވާ ފަދަ ބޮޑު ކާމީޔާބީއެއް ކަމަށެވެ.

މީގެ ކުރިންވެސް ނަބީހް ވަނީ ކީރިތި ގުރުއާން ކިޔެވުމުގެ އެކިއެކި މުބާރާތްތަކުގައި ބައިވެރިވެ ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ.

ނަބީހު އަކީ ހާއްސައެހީއަށް ބޭނުންވާ ކުއްޖަކަށް ވުމުން, އަކުރުތައް ފާޅުކުރުމާއި އަޑު ނެރުމުގައިވެސް އުނދަގޫތަކެއް ތަހައްމަލުކުރަން ޖެހުނު ނަމަވެސް ޤުރުއާން ކިޔަވަން ބޭނުންވުމާއެކު ވަރަށް ފަސޭހަކަމާއެކު އަޑުނެރެ އަކުރުތައް މަޚްރަޖުން ކިޔަވާކަން ފާހަގަކޮށްލެވެއެވެ.

ދުނިޔޭގެ މަޝްހޫރު ގާރީން ކިޔަވާގޮތަށް ގުރުއާން ކިޔެވުމާއި ރީތި ރާގުރާގަށް ބަންގި ގޮވުމަކީ ނަބީހް އެންމެ ކުރާހިތްވާ ކަންކަމަށާއި އޭނާގެ ހުވެފަނަކީ ރާއްޖޭގެ މިސްކިތެއްގައި އިމާމްވެ ތަރާވީހް ނަމާދު ކުރުން ކަމަށް ނަބީހް ބުނެފައި ވެއެވެ.