މީހަކު މަޑުން ހުރުމަކީ އެމީހާ ލައިގެންހުރި ގަމީހަށް ދާންދެން ފޭރިގަންނަން ޖެހޭ ސަބަބެއް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. ރޮޒައިނާ މިހެން ވިދާޅުވެފައިވަނީ, ކޮވިޑް-19 އިން ސަލާމަތް ވުމަށް ކުރެވުނު މަސައްކަތްތަކުގެ މޭސްތިރިއަކީ ރައީސް ނަޝީދު ކަމަށް ބަޔަކު ބުނަމުންދިއުމާއި ގުޅިގެންނެވެ. ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, ކޮވިޑް-19 އިން އަރައިގަނެވުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ވަޒީރުންގެ މަޖިލީހާއި އެކި ދާއިރާތަކުގެ މާހިރުންނާއެކު ރެޔާދުވާލު ކުރި މަސައްކަތުން ކަމަށާއި, ބޯޑަރު ބަންދުކުރަން ޖެހުނު ވަގުތު ބަންދު ކުރި ކަމަށާއި, ހުޅުވަން ވީ ވަގުތު ޖެހުމުން ހުޅުވީ ކަމަށެވެ. އަދި އެއީ ވަކި މީހެއްގެ ޕްރެޝަރ އަށް ކުރި ކަމެއް ނޫން ކަމަށްވެސް ރޮޒައިނާގެ ޓްވީޓުގައި ވިދާޅުވިއެވެ.
އެދުވަހު ކޮވިޑް އަކީ އާދައިގެ ބައްޔެއްވެސް ނޫން. މިލިއަނުން މީހުން މަރުވަމުން ދިޔައީ. އޭރު އާދައިގެ ބައްޔެއް ގޮތަށް ދެކި އަޅާނުލާ ތިބި ނަމަ މިއަދު މިއޮތް ހާލަތެއް ނޫން އޮންނާނީ. އާދައިގެ ބައްޔަކަށް މިއަދު މިވީ ވެކްސިންވެސް ދެވުނީމަ. އެކަންވެސް ކުރީ ހަމަ ރައީސް ސޯލިހުގެ މަސައްކަތުން - ރޮޒައިނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ, ކޮވިޑުން އަރައިގަތުމަށް އޭރު ކުރި ކޮންމެ މަސައްކަތަކަށް ދެކޮޅު ހަދައި އެކަމާއި ޖަދަލުކުރި މީހުން މިއަދު ކޮވިޑްގެ ހާލަތުން އަރައިގަނެވުމުން އޭގެ ކްރެޑިޓް ނަގަން އުޅޭ ކަމަށެވެ. އަދި އެމީހުންގެ އަމަލުތައް އޭރު ހުރިގޮތަކީ ކޮވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވަން އުޅޭ ކަން އެެނގުމުން އަވަހަށް މަޖިލީހަށް މައްސަލައެއް ވެއްދުން ކަމަށެވެ.
މަސްލަހަތަށް ބަލާފަ އެއްޗެއް ނުބުނަން މި ތިބެނީ. އެކަމަކު މިއަދު ރައީސް ސޯލިހު ކުރެއްވި ހުރިހާ ކަމެއްގެ ކްރެޑިޓް އެހުރިހާ ކަމަކަށް ފާޑުކިޔާ ކަމުނުގޮސްގެން އުޅުނު ބަޔަކު ނަގަން އުޅުމަކީ ދެރަކަމެއް. ކުރިކަމެއް ރައީސް ކުރެއްވީ ވަރަށް ދަތި އުނދަގޫތަކާ އެކުކަން މިކަމުގަ އުޅުނު މީހުންނަށް އެނގޭނެ - ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ, ކޮވިޑް މެނޭޖް ކުރުމުގެ ހުރިހާ ކްރެޑިޓެއް ހައްގު ވާނީ ރައީސް ސޯލިހުއަށާއި, ރައީސްއާއި އެއްކޮށް މަސައްކަތް ކުރެއްވި ޓީމަށް ކަމަށެވެ. އަދި ނުހަނު އެއްބާރުލުން ދިން ލޮބުވެތި ދިވެހި ރައްޔިތުންނަށް ކަމަށެވެ. ރޮޒައިނާ މިފަދައިން ވިދާޅުވެފައިވާއިރު, ރައީސް ނަޝީދަށް ތާއީދުކުރައްވާ މީހުން ގެންދަވަނީ ކޮވިޑް-19 އިން އަރައިގަނެވުނީ އެމަނިކުފާނު އެދުވަހު ކުރެއްވި މަސައްކަތްތަކުގެ ނަތީޖާ ކަމަށް ބުނަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.