ވަގުފް ފަންޑަށް މި އަހަރުގެ މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަން ހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ވެބްސައިޓުން ދައްކާ ގޮތުގައި، ވަގުފް ފަންޑަށް މި އަހަރުގެ މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.
މިކަމާ ގުޅިގެން އިސްލާމިކު މިނިސްޓަރު ޑރ މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ، މި ފައިސާއަކީ ވަގުފް ކުރުމަށާއި ސަދަގާތް ދިނުމަށް މީރާގެ ވެބްސައިޓުގައި ގާއިމުކޮށްފައިވާ ހާއްސަ އޮންލައިން ލިންކުތައް މެދުވެރިކޮށް އާންމުން ހަދިޔާކުރި ފައިސާ ކަމަށެވެ.
ވަގުފް ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާއި އުސޫލުތަކާ އެއްގޮތަށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ފަންޑުގެ ހުރިހާ ޚަރަދެއް ކުރިއަސް ގެންދާނެއިރު، އޭގެ މައިގަނޑު ބޭނުމަކީ ދީނީ އެކިއެކި މަޝްރޫއުތަކަށާއި، މިސްކިތްތައް ބިނާކުރުމާއި، އިސްލާމީ ތައުލީމު ކުރިއެރުވުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ މަރުކަޒުތައް ގާއިމުކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުން ކަމަށްޑރ. ޝަހީމް ވިދާޅުވި އެވެ.
މީރާގެ ޕޯޓަލް މެދުވެރިކޮށް ފައިސާ ހަދިޔާކުރެވޭނެ އިންތިޒާމު ހަމަޖެއްސީ، މީގެ ކުރިން ފައިސާ ޖަމާކުރުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ވެސް ފަސޭހަކަމާއެކު އެހީތެރިވެވޭނެ މަގު ތަނަވަސް ކޮށްދިނުމަުގެ ގޮތުންކަން ހާމަކަުރައްވާ ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ، އެ މިނިސްޓްރީން މިއަހަރު ފަންޑު ފުޅާކުރުމަށް ކުރާ މަސައްކަތަށް މީރާ މެދުވެރިކޮށް ލިބުނު ތަރުހީބަކީ ބޮޑު ކުރިއެރުމެއް ކަމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.