މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ ޢަމަލީ މަސައްކަތް ފެށޭވަރުވާނީ އީއައިއޭ ނިމުމުން ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ، މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ހެދުމުގެ އެއްވެސް މަސައްކަތެއް ނުހިނގާތީ އާންމު ފަރާތަކުން ކުރެއްވި ޓުވީޓަކަށް ރައްދުދެއްވަމުންނެވެ. އެފަރާތުން ކުރި ޓުވީޓުގައި ބުނެފައިވަނީ ކޯޒްވޭގެ މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރިތާ ހަމަސްދުވަސް ވެފައިވާއިރު އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށެވެ. އަދި އެއީ ފޮޓޯއަކަށް ކުރި ކަމެއްތޯވެސް ވަނީ ސުވާލުކޮށްފައެވެ. އެ ޓުވީޓަށް ރައްދުދެއްވަމުން އާޒިމް ވިދާޅުވީ، އެމަސައްކަތަކީ ޑިޒައިން އެންޑް ބިލްޑް ކޮންޓްރެކްޓަކަށްވާތީ، އަމަލީ މަސައްކަތް ފެށޭނީ އީއައިއޭ ނިމުމަށްފަހުގައެވެ. އަދި ރަނގަޅަށް ޕްލޭން ނުކޮށް ކުރިން އެ ކޯޒްވޭ ހެދުމުގެ ސަބަބުން ދެރަށަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ، ކޯޒްވޭގެ މަސައްކަތް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށެވެ.

"ޑިޒައިން އެންޑް ބިލްޑް ކޮންޓްރެކްޓެއްވީމަ މިކަންތައް ކޮށްފަ އަދި އީއައިއޭ ނިމުމުން އަމަލީ މަސައްކަތް ފެށޭނީ. މިމަސައްކަތްތައް ކުރިއަށް އެބަދޭ. ރަނގަޅަށް ޕްލޭން ނުކޮށް ކުރިން އެ ކޯޒްވޭ ހެދުމުން ބޮޑެތި ގެއްލުންތައް ރަށަށް ވެގެން ގޮސްފައި ވަނީ." އާޒިމް ވިދާޅުވިއެވެ.

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އަލުން ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 26ވަނަ ދުވަހުއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢަކީ 84 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މިމަޝްރޫޢު އެމްޓީސީސީ އާ ޙަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެހެން ނަމަވެސް އަދި މިހާތަނަށް ކޯޒްވޭގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެއެވެ.