ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު ފިނި ހޫނުމިން 43 ޑިގްރީ ސެލްސިއަސް އަށް އެރި ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (މެޓް އޮފީސް) އިން ބުނެފި އެވެ. މެޓް އޮފީހުގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިއަދު އެންމެ ހޫނުގަދަވީ ހުޅުލެއަށާއި ހދ.ހަނިމާދޫ އަށެވެ. ހުޅުލޭގެ ފިނިހޫނުމިން 33.5 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް އިހުސާސްވާ ފިނިހޫނު މިން ހުރީ 43.3 ޑިގްރީ ސެލްސިއަަސްގަ އެވެ. ހަމައެހެންމެ ހަނިމާދޫގެ ފިނިހޫނުމިން 32 ޑިގްރީ ސެލްސިއަސްގައި ހުރި އިރު އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 41.9 ޑިގްރީ ސެލްސިއަސްގަ އެވެ. މެޓް އޮފީހުން ބުނީ ގދ.ކާޑެއްދޫ، ކައްދޫ އަދި ގަމަށް ފިނިހޫނުމިން ރެކޯޑުކުރެވިފައި ވަނީ 31-32 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި ފިނިހޫނުމިން އިހުސާސް ކުރެވިފައި ވަނީ 38-39 ޑިގްރީ ސެލްސިއަސްގަ އެވެ.
އަދި ހަނިމާދުއަށް ފިނިހޫނުމިން ރެކޯޑްކުރެވިފައިވަނީ 32 ޑިގްރީ ސެލްސިއަސްގަ އެވެ. ނަމަވެސް އިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 41 ޑިގްރީ ސެލްސިއަސްގަ އެވެ.
މެޓް އޮފީހުން ބުނީ އުތުރުގެ ސަރަހައްދުތަކަށް ކޮންްމެވެސް ވަރަކަށް ވިއްސާރައިގެ އަސަރުކުރި ކަމަށެވެ. އެހެން ނަމަވެސް ރާއްޖެ ސަރަހައްދުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނޭކަމަށް ލަފާކުރެވޭކަމަށް މެޓުން ބުނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.