އެކި މަޤްސަދުތައް ހާޞިލް ކުރުމަށް ތަފާތު އެކި ބައްދަލުވުންތައް އަހަރަމެން ބާއްވަމުއެވެ. މިގޮތުން ނުރަސްމީ އިޖްތިމާޢީ އެއްވުންތަކުން ފެށިގެން ރަސްމީ ޚިޔާލު ބަދަލުކުރުމުގެ ސެޝަންތަކަކީވެސް މިފަދަ ބައްދަލުވުންތަކެވެ. ތަފާތު ބައްދަލުވުންތަކަކީ އަބަދުމެ އަހަރެމެންގެ ކަލަންޑަރުތަކުން ތަކުރާރުވާ އިވެންޓްތަކެއްގެ ގޮތުގައި އަބަދުމެ ފެންނަ އެއްޗެކެވެ. ބައްދަލުވުންތަކަކަށް ނިމުމެއް ނެތެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް 71 އިންސައްތަ ބައްދަލުވުންތަކަކީ، އޭގެ ސަބަބުން އެއްވެސް ނަތީއްޖާއެއް ނުނުކުންނަ ބައްދަލުވުންތަކެވެ. މިފަދަ ބައްދަލުވުންތަކަށް މުވައްޒަފުންގެ މަސައްކަތުގެ ވަގުތުގެ ބޮޑުބައެއް ހޭދަކުރަންޖެހުމަކީ، މުވައްޒަފު ކުރަންޖެހޭ ރަސްމީ މަސައްކަތް، ޕެންޑިންގ އަށް ގޮސް ކުރަންޖެހޭ އެތަށް މަސައްކަތެއް ފުނިޖެހިގެންދާ ސަބަބެއްވެސް މެއެވެ. ވެރިން ބާއްވާ ބައްދަލުވުންތަކުގައި ހަމައެކަނި ފޮޓޯ ނަގަންވެސް ރަސްމީ މަސައްކަތް ދޫކޮށްލާފައި ބައެއް މުވައްޒަފުން ދާންޖެހޭ ފަހަރުވެސް އެބަ އާދެއެވެ. ވެރިޔާ އެކަނި މީހަކާއި ބައްދަލުކޮށްލަން ދާންޖެހޭ ހާލަތެއް އައުމުންވެސް އޮފީހުގެ ކޮންމެވެސް މުވައްޒަފަކު ގޮވައިގެން އެ ބައްދަލުވުމަކަށް ދާފަހަރުވެސް މަދެއް ނޫނެވެ. އަދި މުވައްޒަފުގެ ރަސްމީ ގަޑީގެ ގިނަވަގުތެއް މިފަދަ ތަފާތު ބައްދަލުވުންތަކުންގައި ވެރިން މުވައްޒަފުން ބޭނުންކުރުމަށްފަހު، ނިންމަންޖެހޭ ރަސްމީ މަސައްކަތް ނުނިމިގެން މުވައްޒަފުންނަށް ކުރާ ޕްރެޝަރަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ހާވަޑް ބިޒްނަސް ރިވިއު އިން ކޮށްފައިވާ ސާރވޭ އަކުން ދައްކާގޮތުގައި، ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި ބައްދަލުވުންތަކުގެ އެވްރެޖް ދިގުމިން %20 ދަށްވިނަމަވެސް، އެވްރެޖްކޮށް މަސައްކަތު މީހަކު ބައިވެރިވި ބައްދަލުވުންތަކުގެ އަދަދު %13.5 ވަނީ އިތުރުވެފައެވެ. ދިރާސާތަކުން ދައްކާގޮތުން، ވަގުތު ބޭކާރުކުރާ ނުރަނގަޅު ބައްދަލުވުންތަކުގެ ސަބަބުން، މުވައްޒަފުންގެ ނަފްސާނީ އަދި ޖިސްމާނީ، ދުޅަހެޔޮކަމަށް ތަފާތު ނޭދެވޭ އަސަރުކުރުވައެވެ. ފަހުގެ ދިރާސާތަކުން އެނގުނު ގޮތުގައި އަލަށް މަޤާމްތަކާއި ހަވާލުވާ މެނޭޖަރުންގެ ސަބަބުން މި މައްސަލަ އިތުރުވެގެންދެއެވެ. އާ މެނޭޖަރުން ނުވަތަ އަލަށް މަޤާމްތަކާއި ހާވަލުވާ ވެރިން ގިނަދުވަސްވީ މެނޭޖަރުންނަށް ވުރެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި (%29) އިންސައްތަ ގިނަ ބައްދަލުވުންތައް ބާއްވަ އެވެ. ކޮވިޑް19ގެ ޕެންޑަމިކްގައި ފްލެކްސިބަލް ވޯރކިންގ ޕްރެކްޓިސްތަށް ކުރިޔަށް ގެންދެވުނު ނަމަވެސް، ކުންފުނިތައް ރިމޯޓް ވަރކްޕްލޭސްއަށް ބަދަލުވުމުންވެސް މީޓިންގތައް، ބޭއްވޭ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެވިފައި ވެއެވެ.
ބައްދަލުވުން މަދު ކުރުމުގެ ފައިދާތައް
ހާވާޑް ބިޒްނަސް ރިވިއު އިން 76 ކުންފުނި ހިމަނައިގެން ކޮށްފައިވާ ސާރވޭއަކުން ދައްކާގޮތުން، މީޓިންގތައް 40 އިންސައްތަ ދަށްކުރުމުން، މުވައްޒަފުންގެ އުފެއްދުންތެރިކަން 71 އިންސައްތަ ވަނީ މަތިވެފައެވެ. އޭގެ ބޮޑު ސަބަބަކީ މުވައްޒަފުންނަށް އިތުރު ބާރުވެރިކަމާއި އަމިއްލަ ވަންތަކަން އިހްސާސް ކުރެވުން ކަމުގައި ސާވޭކުރި ފަރާތުން ބުނެއެވެ. ޝެޑިއުލް އެއް ވެރިއެއްގެ ގޮތުގައި މުވައްޒަފު ކޮންޓްރޯލް ކުރުމަށްވުރެ، އަމިއްލަޔަށް ބޭނުންވާ ގޮތަކަށް ކުރަންހުރި މަސައްކަތް ބަހާލައި، ޓު-ޑޫ ލިސްޓަށް ގިނަ ކަންތައްތަކެއް އިތުރުވުމުން، ކުރަން ހަވާލުވެފައިވާ ގިނަކަންކަން ނިމި، އޭގެ ސަބަބުން މުވައްޒަފުގެ ހިތްހަމަޖެހުން %52 އިތުރުވެގެން ގޮސްފައިވާކަން މިސާވޭއިން އެގިގެން ގޮސްފައިވެއެވެ. މިސާވޭއިން އެނގުނުގޮތުގައި، ބައްދަލުވުންތަކުގެ %60 އިންސައްތަ މަދުކޮށްލުލުމުން މުވައްޒަފުންގެ އެއްބާރުލުން %55 އިންސައްތަ އިތުރުވެގެން ގޮސްފައި ވެއެވެ. މަސައްކަތްތެރިން ނަށް އެންމެ އެކަށީގެންވާ ސްޕީޑެއްގައި ވަން އޮން ވަން ގުޅާލެވޭނެ ރަނގަޅު ގޮތްތައް ހޯދައި، ގިނަ ފަހަރަށް ޕްރޮޖެކްޓް މެނޭޖްމަންޓް އާލާތްތައް ކަމަށްވާ ސްލޭކް ނުވަތަ ޓީމްސް ފަދަ އާލާތްތައް ބޭނުންކޮށްގެން، ކޮންމެ ޕްރޮޖެކްޓަކަށް ހާއްސަ ކޮމިއުނިކޭޝަންސް އަށް އެހީތެރިވެވޭނެއެވެ. މިހެން ހެދުމުން ސްޓްރެސް ވުމުގެ ނުރައްކާ %57 ދަށްވެ، މުވައްޒަފުންގެ ދުޅަހެޔޮކަން އިތުރުވެގެންދެއެވެ. ހާވާޑް ބިޒްނަސް ރިވިއު ސާވޭއިން އެނގިގެން ދިޔައީ މީޓިންގތައް %80 އިންސައްތަ ދަށްކޮށްލުމުން، މުވައްޒަފުންގެ ވިސްނުމުގައި، މައިކްރޯ މެނޭޖް ކުރެވެމުންދާ ކަމަށް ދެކެވޭ ވާހަކަ، 74 އިންސައްތަ ދަށްވެފައި ވާކަމަށެވެ. އަދި ގިނަ މުވައްޒަފުންނަށް އިޙްސާސްކުރެވުނީ، ކުންފުނިން އެމީހުންގެ މަސައްކަތް ބަލައިގަނެ، އެމީހުންނަށް ފުރިހަމަޔަށް އިތުބާރު ކުރާކަމުގައެވެ. މީގެ ސަބަބުން މުވައްޒަފުން ގިނަވަގުތު، މަސައްކަތަށް ސަމާލުކަންދީގެން މަސައްކަތް ކުރުމުގެ އިތުރުން، މަސައްކަތާއި ގުޅޭގޮތުން ކުރިޔަށްދާ މުޢާމަލާތްތަށް %65 އިންސައްތަ ސާފުވެގެން ދިޔުމާއިއެކު، މުވައްޒަފުންގެ މަސައްކަތް އެތައް ގުނައެއް ހަރުދަނާވެގެން ދިޔައެވެ. ސަބަބަކީ، ސާފުފު ނުވާ ތަފާތު އިންސްޓްރަކްޝަން މަދުވުމާއި، ޕްރެޝަރެއް ނެތި މަސައްކަތް ކުރެވުމާއި، ހިތްހަމަޖެހިގެން މަސައްކަތް ކުރެވުމެވެ. އެސައިންމަންޓެއް ނުވަތަ ރިކުއެސްޓެއް ރިވިއު ކުރުމަށް، މުވައްޒަފުން ކުރީގެ ސްލޭކް ކޮންވަޒޭޝަނެއް ނުވަތަ ޕްރޮޖެކްޓް އައުޓްލައިންއެއް ނުވަތަ ކުންފުނިން ގެންގުޅޭ ސްޓޭންޑްތަކާއި އުޞޫލުތަށް ސާފުކޮށް އެނގުމެވެ. މީގެ ސަބަބުން މަސައްކަތް ގެންދަންޖެހޭ މިސްރާބު ރަނގަޅަށް އެނގުމުގެ އިތުރުން، ކުއްލި ކުއްލިއަށް ވެރިންގެ ފަރާތުން ބަދަލުވެގެން އަންނަ އުޞޫލުތަށް މަދުވެގެން ދެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.