ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ބައިވެރިވި އެއްވެސް މީހަކަށް އެއްވެސް ފަރާތަކުން މާލީގޮތުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައިނުވާކަން ފުލުހުންގެ ތަހްގީގަށް ހާމަވެފައިވާކަމަށް ދައުލަތުގެ މީޑިއާ އަށް ކަށަވަރުވެއްޖެއެވެ. ޕީއެސްއެމް އިން ހާމަކުރިގޮތުގައި ތަހުޤީގަށް މިހާތަނަށް ހޯދި ހޯދުންތަކާއި ހެކިތަކަށް ބަލާއިރު މި ހަމަލާ ރާވައި، އަދި ހަމަލާ ދިން މީހުންގެ ފަހަތުގައި އޮތީ އެމީހުންގެ އަމިއްލަ މަގުސަދެއްކަމަށް މީގެކުރިންވެސް ފުލުހުން ވަނީ ވިދާޅުވެފައިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި ބޮމެއް ހަރުކޮށް، އެ ގޮއްވާލައިގެން ހަމަލާދީނީ މީގެ އަހަރެއް ކުރިން މަޖީދީމަގުން އެނަމިކުފާނުގެ ގެކޮޅު ކައިރިންނެވެ. މި ހަމަލާއާ ގުޅިގެން 9 މީހަކު ހައްޔަރުކޮށް އެމީހުންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. އަދި މީގެތެރެއިން މި ހަމަލާދިނުމުގައި ބޭނުންކުރި ބޮން ގޮއްވާލި މުހައްމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

މި ހަމަލާގެ ފަހަތުގައި ފޮރުވިފައިވާ މީހުންނާއި، ފަންޑުކުރި މީހުން ހޯދުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކުން ގުޅިގެން ބޮޑު ތަހުގީގެއް އަންނަނީ ފުލުހުން އަދުވެސް ކުރަމުންނެވެ. މި ފައިލް ފުލުހުން އަދިވެސް ލައްޕައެއް ނުލައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ތަހުޤީގު ޓީމުގައި އިސްކޮށް ހަރަކާތްތެރިވި އޮފިޝަލަކު ވިދާޅުވީ އެ ހަމަލާއަށް އެއްވެސް ބަޔަކު ފަންޑުކޮށް މާލީ ގޮތުން އެއްވެސް އެހީތެރިކަމަށް ފޯރުކޮށްދީފައިވޭތޯ ފުޅާ ދާއިރާއެއްގައި ތަހުޤީގު ހިންގާ ބަލާފައިވާކަމަށެވެ. އެގޮތުން މި މައްސަލާގައި ހިމެނޭ މީހުންނާއި އެމީހުންނާއި އެއްވެސް ގުޅުމެއް އޮންނަކަމަށް ބެލެވޭ ހުރިހާ ނެޓްވޯކްތަކަށް ޓާގެޓްކޮށް ތަހުޤީގު ވަނީ ހިންގާފައެވެ. މީގެތެރޭގައި މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ އައީލީ މީހުންނަށްވެސް ބަލާފައިވާކަން ތަހުޤީގުން އެނގެއެވެ.

މި ތަހުޤީގުގައި އިސްކޮށް ހަރަކާތްތެރިވި އޮފިޝަލު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން މި މައްސަލާގައި ކިރިޔާވެސް ޝާމިލުވާކަމަށް ތުހުމަތުކުރެވޭ އެންމެންގެ މައްޗަށްވެސް ދައުވާ އުފުލާފައިވާކަމަށެވެ. އެހެންނަމަވެސް އެމީހުންގެ ޝަޜީއަތް ލަސްވަމުން އަންނާތީ އޭނާވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.