އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ކޭމްޕް ކުރުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ސައުދިއަރަބިއާ އަށް ރޭ ފުރައިފި އެވެ. މަޒިޔާ އިން ބުނީ އެޓީމުން ސައުދީގެ ޖިއްދާގައި ތިން ހަފުތާގެ މުއްދަތަކަށް ޓްރެއިނިންތައް ކުރިޔަށް ގެންދާނެ ކަމަށެވެ. މިދަތުރުގައި މާޒިޔާގެ ޓީމުން އުމްރާގެ އަޅުކަންވެސް އަދާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޓްރެއިނިން ކޭމްޕަކީ ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނާއި ސައުދީ ފުޓުބޯޅަ އެސޯސިއޭޝަން ގުޅިގެން ހަމަ ޖައްސައިދީފައިވާ ދަތުރެކެވެ. އޭއެފްސީކަޕްގައި މާޒިޔާ އަންނަ މަހުގެ 18 ވަނަ ދުވަހު މާލޭގައި ކުޅެން ހަމަޖެހިފައިވާއިރު، ޓްރެއިނިން ކޭމްޕް ނިންމުމަށްފަހު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. ކޮވިޑްގެ ބަލި މަޑުކަމާއި ގުޅިގެން ކުޅިވަރުތައް ކުޅުން މަނާކޮށްފައި އޮތުމަށްފަހު، ހުއްދަ ލިބުމާއި އެކު އެޓީމުން ވަނީ އޭއެފްސީ ކަޕަށް ފަރިތަކުރުންތައް ފަށައިފައެވެ. އެގޮތުން މާލޭގައި އެޓީމުން ވަނީ ދެ ހަފްތާގެ މުއްދަތަށް ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައެވެ. އޭއެފްސީ ކަޕުގައި މާޒިޔާ ކުޅޭ މެޗްތައް އޮންނާނީ އޮގަސްޓް މަހުގެ 18، 21 އަދި 24 ވަނަ ދުވަހު އެވެ. މިދިޔަ އަހަރުވެސް އޭއެފްސީ ކަޕަށް ތައްޔާރު ވުމަށް އެފްއޭއެމުން ވަނީ މާޒިޔާއަށް ޓްރެއިން ކޭމްޕެއް ހަމަޖައްސައިދީފައެވެ. އެފަހަރުވެސް ކޭމްޕްކޮށްފައިވަނީ ސައުދީގެ ޖިއްދާ ގައެވެ. މާޒިޔާގެ އިތުރުން އެއަހަރު އޭއެފްސީ ކަޕްގައި ވާދަކުރި ޓީސީއަށް ވެސް އެފްއޭއެމުން ވަނީ ސައުދީގެ ޖިއްދާގައި ކޭމްޕް ކުރުމުގެ އިތުރުން އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ހޯދައި ދީފައެވެ.