18 އަހަރުން ދަށުގެ ގައުމީ ބާސްކެޓް ޓީމުގެ ފަރިތަކުރުންތައް ގއ.ވިލިނގިލީގައި މިރޭ ފަށައިފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިލިނގިލީ ކައުންސިލް މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވީ ރާއްޖޭގެ 18 އަހަރުން ދަށުގެ ޤައުމީ ބާސްކެޓް ޓީމް އެރަށަށް ދިޔުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައި ކަމަށާއި ޓީމު ވިލިނގިލީ ގައި ތިބޭތިބުމުގައި އެއްވެސް ކަމަކަށް ދަތި ނުވާނެހެން ކައުންސިލް ފުރިހަމަ އެއްބާރުލުން ދެމުން ދާނެކަމަށެވެ.
18 އަހަރުން ދަށުގެ ގައުމީ ބާސްކެޓް ޓީމުގެ ފަރިތަކުރުންތައް ގއ.ވިލިނގިލީގައި މިރޭ ފަށާފައިވަނީ އޭޝިޔާ ޗެމްޕިިއަންޝިޕް ގައި ބައިވެރިވުމަށް ވަމުންދާ ތައްޔާރީގައި މާލެއިން ބޭރުގައި ކޭމްޕް ކޮށްގެން ތިބެ ކުރިޔަށް ގެންދާ ތަމްރީނެއްގެ ގޮތުގައެވެ. އެގޮތުން މިރެއިން ފެށިގެން 7 ދުވަސް ވަންދެން ވިލިނގިލީ ކޮމިއުނިޓީ ސެންޓަރުގެ ބާސްކެޓް ކޯޓުގައި ޕްރެކްޓިސް ތައް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެއެވެ.
ވިލިނގިލީ ކައުންސިލުން ހާމަކުރެއްވި ގޮތުގައި ގައުމީ ބާސްކެޓް ޓީމް އެރަށުގައި ހޭދަކުރާ 7 ދުވަހުގެ ތެރޭގައި ވިލިނގިލީގެ ބާސްކެޓް ކުޅޭ ކުދިންނާއި އެކު ތަމްރީނުތައް ކުރިޔަށްދާނެއެވެ.
ކައުންސިލްގެ މެމްބަރ އިބްރާހީމް ރަޝީދު ވިދާޅުވީ މިފަދަ ފުރުޞަތެއް ލިބުމުން ރަށުގެ ކުޅިވަރުތަކަށް ލިބިގެން ދާނީ ހީވެސް ނުކުރާހާ ބޮޑު ކުރިއެރުމެއް ކަމަށާއި އޭގެ މަންފާ މުޅި އަތޮޅަށްވެސް ކުރާނެ ކަމަށެވެ. އަދި މިފުރުސަތު ފަހި ވުމުގައި ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް ބާސްކެޓްބޯލް އެސޯސިއޭޝަން ރައީސް އާދަމް އަށާއި ގއ އަތޮޅު ރައީސް އިބްރާހިމް ޝަހީން އަށް ވިލިނގިލީ ކައުންސިލް ނަމުގައި ވަނީ ޝުކުރު އަދާކޮށްފައެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ބާސްކެޓް ޓީމުގެ ކޯޗް އިލްޔާސް އިބްރާހީމް ވިދާޅުވީ ޓީމް ތައްޔާރުވަމުންދަނީ އަންނަ ޖޫން މަހުގެ 1 ން 5 އަށް އިންޑިއާގައި އޮންނަ މުބާރާތަށް ކަމަށާއި ވިލިނގިލީގައި ކުރިޔަށް ގެންދާ ތަމްރީނުތައް ނިމިގެން މާލެ ގޮސް ސްކޮޑް 17 އިން 12 ކުޅުންތެރިންނަށް ތިރި ކުރުމަށްފަހު 4 ދުވަހުގެ ކޭމްޕެއް މާލޭގައި ކުރިޔަށް ގެންދާނެ ކަމަށެވެ. އޭގެ ފަހުގައި މި މަހުގެ 24 އިންޑިއާއަށް ގޮސް ބެންގަލޫރުގައި ތަމްރީނުތައް އިތުރަށް ވަރުގަދަ ކުރުމަށް މެޗްތަކެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.