ޓިކްޓޮކުން މަގްބޫލުކަން ހޯދި، ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ވާއިރު، މަސްތުވާތަކެތި ހުރި ކޮތަޅު ގެއެއްގެ ފުރާޅުމައްޗަށް އެއްލައިލި ކަމަށް ރޫމީ ފުލުހުން ގާތު އެއްބަސްވެފައިވާ ކަމަށް ކޯޓުގައި ފުލުހުން ބުނެފި އެވެ.

ރޫމީގެ ބަންދަށް އިތުރު ތިން ދުވަސް ދީ ކްރިމިނަލް ކޯޓުން ރޭ ނެރުނު އަމުރުތަކުގައިވާ ގޮތުން ރޫމީ ވަނީ ފުލުހުން ގެއެއްގެ ފުރާޅުމަތިން ހޯދި މަސްތުވާތަކެތި ހުރި ކޮތަޅަކީ އޭނާގެ ފިރިމީހާގެ އެއްޗެއް ކަމަށް ފުލުހުން ގާތު ބުނެފަ އެވެ. އަދި އެ ކޮތަޅު އެތަނަށް އެއްލައިލީ ރޫމީ ކަމަށް ވެސް ބުންޏެވެ.

މަސްތުވާތަކެތި ހުރި ކޮތަޅު އެއްލައިލީ ރޫމީ ކަމަށް ފުލުހުން ގާތު އޭނާ ބުނެފައި ވިޔަސް ދިފާއުން ބުނެފައި ވަނީ އެ ކޮތަޅު އެއްލިތަން ސީން އަށް ދިޔަ އެއްވެސް ފުލުހަކަށް ނުފެންނަ ކަމަށެވެ. މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ފުލުހުން ވަނީ ރޫމީ ދިރިއުޅޭ ހ. ބުލޫބާޑްގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފަ އެވެ. އަދި ރޫމީ، 45، ގެ އިތުރުން އޭނާގެ ފިރިމީހާ މުހައްމަދު ނަސީމް، 49، ވެސް ހައްޔަރުކުރި އެވެ.