ހުވަދު އަތޮޅުން ސިމެންތި ހުސްވެ ގެދޮރު އިމާރާތްކުރުމާއި މަޝްރޫޢުތައް ހުއްޓުވުމަށް އައިސްފިއެވެ. ހުވަދު އަތޮޅުގައި ސިމެންތި ގެނެސް ވިއްކަނީ 2 ފަރާތަކުންނެވެ. އެޕޯލޯ އެސްޓީއޯއިން ވެސް ބުނެފައިވަނީ މިދުވަސްކޮޅު އެއްކޮށް ސިމެންތި ހުސްވެފައި ވާކަމަށެވެ.
ތިނަދޫ ގައި ހިނގާ އެސްޓީއޯ ފިހާރައިގެ އޮފިޝަލަކު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެތަނުން ގެންނަ ސިމެންތި އެއްކޮށް ހުސްވެފައިވާތާ މިހާރު މަހަކާއި ގާތް ވެފައިވާ ކަމަށާއި އަދި މޫސުން ގޯސް ވުމާއި ގުޅިގެން ޝިޕްމަންޓް އައުން ލަސްވެގެން ދަނީ ކަމަށެވެ. އެފަރާތުން އިތުރަށް ވިދާޅުވީ ކުރިޔަށް އޮތް ހަފުތާއެއް ނުވަތަ ދެ ހަފުތާ އެއްގެ ތެރޭގައި ތިނަދޫ އަށް ސިމެންތި ގެނެވޭވަރުވާނެ ކަމަށެވެ.
ތިނަދޫ ގައި ހުންނަ އެޕޯލޯ ފިހާރައިން މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުންވެސް ސިމެންތި އެއްކޮށް ހުސްވެފައިވާތާ މިހާރު 1 މަސް ވެއްޖެއެވެ. އެތަނުން ވާހަކަ ދެއްކި ފަރާތުން ބުނީ ތިނަދޫ އަށް ގެންނަ ސިމެންތި މާދަމާ ބަރު ކުރާނެ ކަމަށާއި އަންނަ ހޯމަ ދުވަހު ވިއްކަން ފަށާނެ ކަމަށެވެ. ނަމަވެސް މިފަހަރު އަލަށް ގެންނަ ސިމެންތި ވިއްކާ އަގަށް ބަދަލު އަންނާނެ ކަމަށާއި ކުރިން ވިއްކި އަގަށްވުރެ ކުޑަ ތަންކޮޅެއް ބޮޑުވާނެކަމަށް އޭނާ ފާހަގަ ކުރިއެވެ.
ތިނަދޫ ގައި ކޮންންސްޓްރަކްޝަން މަސައްކަތް ކުރަމުން ގެންދާ ފަރާތެއް ކަމުގައިވާ ޑީއެމްއެން ކުންފުނިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިޔާޒް ވިދާޅުވީ މި ސަރަހައްދަށް ސިމެންތި އާއި ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ގެންނަނީ ބޮޑު 2 ކުންފުނި ކަމަށްވާ އެސްޓީއޯ އާއި އެޕޯލޯ އިން ކަމަށާއި އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ އެންމެން ބަރޯސާ ވަނީ އެމީހުން އަތުން ހުސްނުވެ ލިބޭނެ ކަމަށެވެ.
އަދި ސިމެންތި ލިބޭނެ ސީދާ ތާރީޚެއް ނުބުނާތީ ކޮންޓްރެކްޓް އަށް މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ވަރަށް ބޮޑު ގެއްލުން ތަކާއި ކުރިމަތިލާން ޖެހޭ ކަމަށާއި މާލީ ގޮތުން ޤާބިލްކަން ހުރި ކުންފުނި ތަކުން މިކަން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. ނިޔާޒް އިތުރަށް ވިދާޅުވީ އެޕޯލޯ އާއި އެސްޓީއޯ އިން މިކަން ނުވާ ކަމަށްވާނަމަ އެކަންއެސް އެނގެންޖެހޭ ކަމަށާއި އޭރުން ކުރިންވެސް އޮންނަހެން ރައްޔިތުން އެމީހުން ބޭނުންވާ ސިމެންތިކޮޅު ބޯޓަކުން ގެނެސްފާނެ ކަމަށެވެ.
އަތޮޅު ތެރޭގައި ގައި އެކިއެކި މަސައްކަތް ކުރާ ފަރާތްތަކުންވެސް ވަނީ މިމޭރުމުން ވާހަކަތައް ހިއްސާ ކޮއްފައެވެ. އެފަރާތްތަކުންވެސް ބުނަނީ ތިނަދޫ އަކީ ހުވަދު އަތޮޅުގެ ވިޔަފާރި މައި ހަބު ކަމަށާއި ތިނަދޫ އިން ސިމެންތި ހުސްވުމާއި ގުޅިގެން ވަރަށް ބޮޑެތި ގެއްލުން ވަމުންދާ ކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.