ވިނަވި 3 ވަނަ އަހަރީ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް، ޑިޕްލޮމާ އިން ޤުރުއާން ޓީޗިންގ ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. ރޭ ބޭއްވުނު ޖަލްސާގެ ޝަރަފުވެރި މެހެމާނަކީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝެއިޚް އިލްޔާސް ޖަމާލްއެވެ. މިރަސްމިއްޔާތުގައި މުބާރާތުގެ ހުރިހާ ބައިވެރިންނަށް އިނާމާއި ސެޓްފިކެޓް ހަވާލުކުރެވުުނެވެ. ބަލައިގެން ކިޔެވުމުންނާއި ނުބަލައި ކިޔެވުމުން އެކިއެކި އުމުރުފުރާތަކުން ވަނަވަނައަށް ދިޔަ ބައިވެރިންނަށް ޓްރޮފީ އާއި އިނާމް އަދި ސެޓްފިކެޓް ހަވާލުކުރެވުނެވެ. އަދި ނިމިގެން ދިޔަ ރަމަޟާންމަހު ޚަތިމް ޕްރޮގްރާމްގައި ބައިވެރިވެ ޚަތިމްކުރި ކުދިންނަށް ޓްރޮފީ ހަވާލުކުރެވުނެވެ. އޭގެތެރޭގައި 1 ޚަތިމް، 2 ޚަތިމް، 3 ޚަތިމް އަދި 5 ޚަތިމްވެސް ކުރި ކުދިން ތިބިކަން އުުފަލާއެކު ފާހަނގަކުރަމެވެ. 3 ވަނަ އަހަރީ ޤުރުއާން މުބާރާތުގެ ދެގޮފި އެއްކޮށް މުޅި މުބާރާތުގެ ފަޚުރުވެރި ވަނަތަކަށް ހޮވުނު ދަރިވަރުންނަކީ:

  • 3 ވަނައަށް ހޮވުނު ދަރިވަރުންނަކީ ނަރީން ނިޔާޒް އާއި ފާތުމަތު ނީމް ޝިފާޒް
  • 2 ވަނައަށް ހޮވުނު ދަރިވަރަކީ އާމިނަތު ބިންތި ޝަމީޒް
  • 1 ވަނައަށް ހޮވިފައިވަނީ ޚަދީޖާ ނިހާ ނިހާމްއެވެ.

މިފަޚުރުވެރި ވަނަތަކާއި އިނާމްތައް ހާސިލްކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާނު ޝެއިޚް އިލްޔާސްއެވެ. ޤުރުއާން މުބާރާތުގެ އެއްވަނައަށް ހޮވުނު ދަރިވަރު ޚަދީޖާ ނިހާ ނިހާމްއަށް ސެޓްފިކެޓް ހަވާލުކުރުން - ފޮޓޯ: ވިނަވި މީގެއިތުރުން ޑިޕްލޮމާއިން ޤުރުއާން ކޯސް ފުރިހަމަކުރި ކުދިންނަށްވެސް މިރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކުރެވުނެވެ. ހަމައެއާއެކު މިދިޔަ އަހަރުގެ ރިޕޯޓާއި އިސްފަނޑިޔާރު ސަރާ މުހައްމަދުގެ ވީޑީޔޯކޮޅެއް ވަނީ ދައްކާލާފައެވެ. މިރަސްމިއްޔާތުގައި ވިނަވިން އަލަށް ތާރަފްކުރި ޚަޒާނާ ޕްރޮގްރާމް އިފްތިތާހުކުރެވިގެންދިޔައެވެ. މިޕްރޮގްރާމް އިފްތިތާހުކޮށްދެއަވީ އެމްއެންޔޫ ތިނަަދޫ ކެމްޕަސްގެ މެނޭޖަރ ޝަމީމް އާދަމްއެވެ. ޚަޒާނާ ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ ވިނަވި ޚަތިމް ކްލާސްގެ ކޮންމެ ދަރިވަރަކީވެސް މަދުވެގެން އަހަރަކު އެއްފަހަރު ޚަތިމްކުރާ ކުއްޖެއް ކަމުގައި ހެދުމެވެ. މިރަސްމިއްޔާތު ނިންމާލަމުން ވިނަވި އިތުރު މުބާރާތްތައް ވަނީ އިއުލާންކޮށްފައެވެ.