އިގްތިސާދީ ވަޒީރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅީ ކަންކަން "ހަޖަމު ނުވެގެން" ކަމަށާއި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފެއިލްކޮށްލާނެ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން މިއަދު މެންދުރުގެ ވަގުތެއްގައި ވަޒީރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ވަޒީރު ސައީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީއަށް ގަބޫލުކުރެވެނީ އެ ޕާޓީގެ ވެރިކަމުގައި ނުހެދުނު އެތައް ފްރީ ޓްރޭޑް އެގްރީމެންޓްތަކެއް އަވަށްޓެރި ގައުމުތަކާއެކު މި ސަރުކާރުން ހަދަމުންދާތީ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިޔަފާރީގެ ފަހި ސިޔާސަތުގެ ދަށުން ދިވެހި ރައްޔިތުންނަށް އެތައް ފައިދާއެއް ލިބެމުންދާތީ، އެކަން އިދިކޮޅު ފަރާތްތަކަށް ހަޖަމު ނުވަނީ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، އެމްޑީޕީން ހުށަހެޅި މި މައްސަލަ މަޖިލީހުން ބޭރުކޮށް، ފެއިލްކޮށްލާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. މިއީ ސަރުކާރުގެ އިގުތިސާދީ މަސައްކަތްތަކަށް ހުރަސް އެޅުމަށް ކުރާ ކަމެއްގެ ގޮތުގައި ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން ސިފަކުރެއެވެ.

އެމްޑީޕީން ވަޒީރު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ "ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކާއި ހިލާފުވެ، މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސް އަޅަމުންދާތީ" ކަމަށް ބުނެއެވެ. އަދި އިގުތިސާދީ އިސްލާހުތައް ގެނައުމަށް އެދެވޭ އެއްވެސް ސިޔާސަތެއް ތަންފީޒުކޮށްފައި ނެތުމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާކަން އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.