ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރުއްތަކަށް ޖެހެމުންދާ ރުކުމަޑިއާއި ހުދުކޫޑީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އެ ތަކެތި ކޮންޓްރޯލްކުރަން ބޭނުންވާ ޕެސްޓްސައިޑް ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި މައްސަލަ ދިމާވެފައިވާ ރަށްތަކުގެ ކައުންސިލްތަކަށް މިހާރު ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެގޮތުން ހއ، ހދ، އަދި ށ. އަތޮޅުގެ ރަށްތަކަށް ބޭނުންވާ ޕެސްޓްސައިޑް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތްކޮށްގެން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި އެހެނިހެން އަތޮޅުތަކަށް ބޭނުންވާ ތަކެތި އެ ވުޒާރާ މެދުވެރިކޮށް ދޫކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
ރުކުމަޑީގެ މައްސަލައަކީ 1999 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާއިރު، ޗައިނާ ސަރުކާރުގެ އެހީގައި މިހާރު ވަނީ ރުކުމަޑި ނައްތާލާނެ ބަޔޮލޮޖިކަލް ސޫފިތަކެއް ދިރާސާކޮށް ހޯދާފައެވެ.
މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ހަނިމާދޫގައި 'ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރެއް' ވަނީ ގާއިމުކޮށްފައެވެ. މި ސެންޓަރުގެ މައިގަނޑު ބޭނުމަކީ ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި، ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރެސިޓޮއިޑް އާލާކޮށް ބަލިޖެހިފައިވާ ސަރަހައްދުތަކަށް ދޫކުރުމެވެ.
މިނިސްޓަރު އަހުމަދު ޝިޔާމް ދާދިފަހުން އުތުރުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ބައެއް ރަށްތަކުގެ ކައުންސިލްތަކާ އަމަލީގޮތުން މި ތަކެތި ހަވާލުކުރައްވައި، ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކޮށް ދަނޑުވެރިކަން ހިމާޔަތްކުރުމެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.