1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހުއްދަ ނެތި އޮންލައިންކޮށް އަދި އާއްމު ފިހާރަތަކުން ބޭސް ވިއްކުން މަނާކޮށްފި

މަރްޔަމް ޝަފާ ސައީދު
839ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ހުއްދަ ނެތި އާންމު އެއްވެސް ފިހާރައެއްގައި އެއްވެސް ބާވަތެއްގެ ބޭހެއް ނުވިއްކޭ ގޮތަށް ބޭހާ ބެހޭ އައު ގަވާއިދު އެކުލަވާލައިފިއެވެ. ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލި މި ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.

އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން، އެމްއެފްޑީއޭއިން ބޭހެއްގެ ގޮތުގައި ގިންތިކޮށްފައިވާ އެއްވެސް ބާވަތެއް އެ އޮތޯރިޓީގެ ހުއްދަނެތި އާންމު ފިހާރަތަކުގައި ބަހައްޓައިގެން ވިއްކުމަކީ މަނާ ކަމެކެވެ. ނަމަވެސް، ޑޮކްޓަރުގެ ލިޔުމެއް ނެތި ދޫކުރާ ބައެއް ބޭސްތައް ހާލަތަށް ބަލައި، އެމްއެފްޑީއޭގެ ހުއްދަ ނަގައިގެން އާންމު ފިހާރަތަކުގައި ވިއްކުމުގެ ފުރުސަތު މި ގަވާއިދުން ފަހިކޮށްދެއެވެ. މީގެ ކުރިން ހުމާއި ރޯގާއަށް ބޭނުންކުރާ އާންމު ބޭސްތައް އެފަދަ ފިހާރަތަކުގައި އިތުރު ހުއްދައަކާ ނުލައި ވިއްކަމުން ގޮސްފައިވެއެވެ.

ބޭސް ފިހާރަތައް ހުންނަންޖެހޭ މިންގަނޑުތައް

300 × 250

މި ގަވާއިދުގެ ދަށުން ބޭސް ވިއްކާ ހުރިހާ ތަނެއް އެމްއެފްޑީއޭގައި ރަޖިސްޓްރީ ކުރަން ޖެހޭއިރު، ބޭސް ފިހާރަތައް ވަނީ ދެ ގިންތިއަކަށް ބަހާލާފައެވެ. އެއީ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހުންނަ ބޭސް ފިހާރަތަކާއި، ވަކިން ހުންނަ ބޭސް ފިހާރަތަކެވެ. ކޮންމެ ބޭސް ފިހާރައަކަށްވެސް ހުއްދަ ދޫކުރާނީ ތިން އަހަރުގެ މުއްދަތަށެވެ. އަދި ބޭސް ފިހާރަތަކުގައި ވެކްސިނާއި ބަޔޮލޮޖިކަލްސް ބަހައްޓާނަމަ އެކަން ލިޔުމުން އެމްއެފްޑީއޭއަށް އަންގަން ޖެހޭނެއެވެ.


ފާމަސިސްޓުންގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، ކޮންމެ ފާމަސިސްޓެއްގެ އަތުގައިވެސް އެމްއެފްޑީއޭއިން ދޫކުރާ "ފާމަސިސްޓް ކާޑު" އޮންނަން ޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ބިދޭސީ ފާމަސިސްޓުންނަކީ ދިވެހިބަސް ދަންނަ ބަޔަކަށް ވާންޖެހޭއިރު، އެފަދަ ލިޔުމެއް ނެތް ނަމަ ތަރުޖަމާކޮށްދެވޭނެ އިތުރު މީހަކު ބޭސް ފިހާރައިގައި ހުރުން ވަނީ ލާޒިމްކޮށްފައެވެ.

އޮންލައިންކޮށް ބޭސް ވިއްކުމާއި ޖޫރިމަނާ

އިންޓަނެޓް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ބޭސް ވިއްކައި ޑެލިވަރީ ކުރެވޭނީވެސް އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށް ހުއްދަ ހޯދައިގެންނެވެ. މިގޮތަށް ވިއްކޭނީ ހަމައެކަނި ރާއްޖެއަށް އިމްޕޯޓްކުރުމުގެ ހުއްދަ އޮތް ބޭސްތަކުގެ ތެރެއިން ޑޮކްޓަރުގެ ބޭސް ސިޓީއަކާ ނުލައި ވިއްކޭ ބޭސްތައް އެކަންޏެވެ. މީގެ އިތުރުން ބޭސް ސިޓީގައި ހުންނަންޖެހޭ މިންގަނޑުތަކާއި ބޭސް ލޭބަލް ކުރުމުގެ އުސޫލުތައްވެސް މި ގަވާއިދުގައި ވަނީ ހިމަނާފައެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން ގަވާއިދާ ހިލާފުވާ ފަރާތްތައް، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 10,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި