ދިވެހި ޤައުމީ ދިދަ ނެގުމުގައްޔާއި، ދިދަ ބޭނުންކުރުމުގައި ސަރުކާރުގެ މުއައްސަސާތަކުން އަމަލުކުރާނެ އުސޫލެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު އިއުލާން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާއްމު ކުރެއްވި އުސޫލުގައި އާއްމު ފަރާތްތަކުން ގައުމީ ދިދަ ގެންގުޅުމުގައި އަމަލު ކުރަން ޖެހޭނެ އުސޫލެއް ނެތެވެ. އެހެންކަމުން ގައުމީ ދިދައަށްވުރެ އުހަށް އެހެން ދިދައެއް ނެގުން ވެސް މިހާރު މަނަލެއް ނޫނެވެ.

މިއަދު އާއްމުކުރި އުސޫލުގައި ވަނީ ސަރުކާރުގެ މުއައްސަސާތަކުން ދިވެހި ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށް ހިތަންވާނެ ކަމަށާއި އަދި، ދިވެހި ޤައުމީ ދިދައިގެ ޙުރުމަތަށް އުނިކަމެއް އަންނަ ފަދަ މިންވަރަކަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިދައެއް، އެއްވެސް ކަމެއްގައި ބޭނުންކޮށްގެނެއް ނުވާނެ ކަމަށެވެ.

ރައީސް އޮފީހުން މިއަދު ނެރުނު އުސޫލުގައި ވެސް ބުނެފައި ވަނީ ސަރުކާރުގެ މުއައްސަސާތަކުގައި ހެނދުނު 6:00 އިން ހަވީރު 6:00 އަށް ދިވެހި ޤައުމީ ދިދަ ނަގައިފައި ހުންނަންވާނެ ކަމަށާއި ސަރުކާރުގެ އެއް މުއައްސަސާއަށްވުރެ ގިނަ މުއައްސަސާ، އެއް އިމާރާތެއްގައި ހުންނަނަމަ، އެ އިމާރާތެއްގައި ނަގާނީ އެއް ދިދަ ކަމަށެވެ.

އަދި ޤައުމީ ފެންވަރެއްގައި ހިތާމަ ފާޅުކުރުމުގެ ނިޝާނެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އެންގުމަކަށް ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެވިދާނެ ކަމަށާއި ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާކަމުގައި ބަލާނީ، ދިދަ ދަނޑީގެ ކުރިން ފެށިގެން، ދިދައިގެ ފުޅާމިނަށް ތިރިކޮށްފައި ބެހެއްޓުމުން ކަމަށް ވެސް އުސޫލުގައި ވެއެވެ.