ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާފައިވާ އަސަރުގަދަ ފިލްމު "ޖަންނަތު" ތިނަދޫ ސިޓީގައި އެޅުވުމަށް ނިންމައި، ޓިކެޓް ވިއްކަން ފަށައިފިއެވެ
އައްޑޫ ސިޓީގައި މި ފިލްމު އަޅުވަން ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ. ފިލްމުގެ ޓިކެޓް ނެގުމަށް ބޭނުންވާ ފަރާތްތަކުން 9702550 ނަންބަރު ހޮޓްލައިނަށް ގުޅައިގެން ޓިކެޓް ބުކް ކުރެވޭނެއެވެ.
މި ފިލްމުގެ ޓިކެޓާއެކު ބެލުންތެރިންނަށް ޚާއްޞަ ފުރުޞަތެއްވެސް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރަށަކުންވެސް "ޖަންނަތު" ގެ ޓިކެޓް ބައްލަވައިގަންނަ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 'އެވޯން' ގެ ކްއީން ސައިޒް އެނދެއް ލިބިގެންދާނެއެވެ.
"ޖަންނަތު" އަކީ ހުރިހާ އުމުރުފުރާއަކަށްވެސް ބެލޭގޮތަށް ރޭޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ޓީޒާ އާންމުކުރުމާއެކު ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނުއިރު، ދެވަނަ ޓީޒާއާއެކު ބެލުންތެރިންގެ ސަމާލުކަން ވަނީ އިތުރަށް އަތުލާފައެވެ.
އަހުމަދު ތޮލާލް އަދި އާއިޝަތު ފުއާދު ލިޔެފައިވާ މޮޅު ސްކްރިޕްޓަކަށް ތައްޔާރުކޮށް، އަލީ ޝިފާޢު (ޗިއްޕާ) ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ މަގުބޫލު އެއް ތަރި ކަމަށްވާ ޝަރަފް ޢަބްދުﷲ އާއި އާމިނަތު ޝުހާ އެވެ. މީގެ އިތުރުން ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ) އާއި އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، ޢާއިޝަތު ޔާދާ ވެސް މުހިންމު ރޯލުތަކުން ފެންނާނެއެވެ. ފިލްމުގެ މުހިންމު އިތުރު ކާސްޓުންގެ ތެރޭގައި އަފްރާހް އަދި އަންޖީ ހިމެނެއެވެ.
މި ފިލްމުގައި މައިގަނޑު ގޮތެއްގައި ދައްކުވައިދެނީ ނުކުޅެދުންތެރިކަން ހުންނަ ބައްޕައަކު، އޭނާގެ ދަރިފުޅާއެކު ވުމަށްޓަކައި ކުރާ އަސަރުގަދަ މަސައްކަތްތަކެކެވެ. ފިލްމުގެ ދެވަނަ ޓްރެއިލާއިންވެސް މި ފިލްމުގެ އަސަރުގަދަކަން ހާމަވެގެންދާއިރު، ފަނޑިޔާރު މަނިކުފާނުގެ ކުރިފުޅުމަތީގައި ނިޔާ އިއްވަން ތައްޔާރުވަމުންދަނީ އެ ކުއްޖާ، ނުކުޅެދުންތެރިކަން ހުންނަ ބައްޕައާ ހަވާލުކުރާނެތޯ ނުވަތަ ނޫންތޯއެވެ.
މިއީ އާއިލާ މުޅިން އެކީގައި ގޮސް ބަލާލަން ވަރަށް ފުރިހަމަ އަދި އަސަރުގަދަ ފިލްމަކަށްވެގެންދާނެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.