"މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް" ސިލްސިލާގެ ހަވަނަ ބައްދަލުވުން އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. މި ސިމްޕޯސިއަމްއަކީ މެރިން ރިސާޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގުޅިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މުހިންމު ހަރަކާތެކެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، މި އަހަރުގެ ސިމްޕޯސިއަމް ކުރިއަށްދާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ ސެންޓްރަލް އޯޑިޓޯރިއަމްގައެވެ. މި ސިމްޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އެވެ.
މި ސިމްޕޯޒިއަމްގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާއި ދިރުންތަކާ ގުޅޭގޮތުން ކުރެވެމުންދާ ދިރާސާތަކުގެ ނަތީޖާތައް އާއްމުންނާ ހިއްސާކުރުމެވެ. އަދި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށް، ރާއްޖޭގައި މެރިން ސައިންސްގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް މަގުފަހިކުރުމެވެ. 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ސިމްޕޯޒިއަމްއަކީ ރާއްޖޭގައި މި ދާއިރާއިން ބާއްވާ މިފަދަ ހަމައެކަނި ބައްދަލުވުމެވެ.
މި އަހަރުގެ ސިމްޕޯސިއަމްގައި ޖުމްލަ 47 ދިރާސާއެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ 32 އޯރަލް ޕްރެޒެންޓޭޝަނާއި 15 ޕޯސްޓަރު ޕްރެޒެންޓޭޝަނެވެ. މި ދިރާސާތައް މައިގަނޑު ފަސް ދާއިރާއަކަށް ބެހިގެންވެއެވެ. އޭގެ ތެރޭގައި ފަރުތަކާއި މޫސުމަށް އަންނަ ބަދަލުތައް، މަސްވެރިކަމާއި ގަވަރނަންސް، ވެލާ ކަހަނބުގެ ދިރުންތައް، މިޔަރާއި މަޑި ފަދަ ބޮޑެތި ކަނޑުގެ ދިރުންތައް، އަދި އައްސޭރިފަށުގެ މާހައުލީ ނިޒާމުތައް ހިމެނެއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގައި ކަނޑުގެ ދިރާސާތައް ކުރާ އެކި ޖަމްއިއްޔާތަކާއި ޔުނިވަރސިޓީތަކުން ބައިވެރިވެ، އެ ފަރާތްތަކުން ކޮށްފައިވާ ދިރާސާތައް ހުށަހަޅާނެއެވެ. މިއީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.