އުދަ އަރާ ގެއްލުން ލިބުނު 6 އާއިލާއެއް މިވަގުތުވެސް ތިބީ، ކައުސިލްތަކުގެ ބެލުމުގެ ދަށުން ވަގުތީ ހިޔާ ތަކުގައި ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ. ހާލުގައި ޖެހުނު އާއިލާތަކަށް އެހީވުމުގެ މަސައްކަތް އެންޑީއެމްއޭއާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.
މިދިޔަ ހަފްތާ ބަންދުގައި މޫސުން ގޯސްވެ ރާއްޖޭގެ 11 އަތޮޅަކުން 35 ރަށަކަށް އުދައަރާ އެކި ވަރުގެ ގެއްލުންތައްވިއެވެ. މީގެތެރޭގައި ވަރަށް ބޮޑަށް ގެއްލުންވި ރަށްތައް ހިމެނެއެވެ. ބޮޑު ގެއްލުމެއް ވެފައިވަނީ ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށެވެ. ލޮނުގެ އަސަރުކޮށް 400އަށްވުރެ ގިނަ ގެއަށް ގެއްލުންވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ބައެއް ގެތަކުން މީހުންވެސް ބަދަލުކޮށްފައިވެއެވެ.
މީހުން ބަދަލުކުރަންޖެހުނު ގެތަކުގެ ތެރެއިން، ގިނަ ގެތައް ސާފުކޮށް އެ އާއިލާތައް އަލުން ވަނީ އެމީހުންގެ ގެތަކަށް ބަދަލުވެފައެވެ. ނަމަވެސް ބޮޑަށް ގެއްލުންވެ، ގެތަކުގައި ދިރިނޫޅެވޭ ވަރުވި 6 އާއިލާއެއް މިވަގުތުވެސް ތިބީ، ވަގުތީ ހިޔާތަކުގައި ކަމަށް އެންޑީއެމްއޭގެ ޑިރެކްޓަރ ފަރޫޝާ އަލީ ވިދާޅުވިއެވެ. މި އާއިލާތަކުގެ ހާލަތު ގާތުން ބަލައި، ކައުންސިލްތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ފަރޫޝާ ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.