ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތް ކުރާ ޓްރެއިނަރުންނާއި އެނިއުމަރޭޓަރުންގެ ތަމްރީނުތައް މާދަމާ ފަށަން ނިންމައިފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނީ ތަމްރީނުތައް ކުރިއަށް ގެންދާނީ ދެ ބެޗަކަށް ބަހާލައިގެން ކަމަށެވެ.

އެ ގޮތުން ފުރަތަމަ ބެޗުގެ ތަމްރީނުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ މާދަމާއިން ފެށިގެން މި މަހުގެ 21 އަށް ކަމަށާއި، ދެވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ މި މަހުގެ 31 އިން ފެށިގެން އަންނަ މަހުގެ 04 އާއި ހަމައަށް ކަމަށެވެ.

މި ތަމްރީނުތަކަކީ ޓްރެއިނަރުންގެ ތަމްރީނުތަކެކެވެ. އޭގެ ފަހުން އެނިއުމަރޭޓަރުންގެ ތަމްރީނުތައް އޮންނާނީ އަންނަ މަހުގެ 14 އިން ފެށިގެން ސެޕްޓެމްބަރު 08 އާ ހަމައަށެވެ. އޭގެ އިތުރުން އަތޮޅުތަކުގެ ތަމްރީނުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ މި މަހުގެ 31 އިން ފެށިގެން އޮގަސްޓު 25 އަށެވެ.

ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިމެނުމުގެ ހަރަކާތް ފަށަން ނިންމާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު 13 ގައެވެ.