ދީނީ އިލްމުވެރިންނާއި އެތައް އަޚުން ކުށެއްނެތި ޖަލުގައި ބައިތިއްބައިގެން ޢިލްމުވެރިއަކަށް އަނިޔާ ނުދޭ ވާހަކަ ވިދާޅުވާން ލަދުވެސް ނުގަންނަނީތޯ އައްޝައިޚް ޢަބްދުﷲ ސައުދާން, ވަނީ ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުﷲ އާ ސުވާލު ކުރައްވާފައެވެ.

ރޭ އިމްރާން ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުން ޝެއިޚް ސައުދާން ވިދާޅުވީ ޢިލްމުވެރިން ޖަލުގައި އަދި އެތަކެއް އަޚުން ހައްޔަރުގައި ބަހައްޓައިގެން ހުރެ އެއްވެސް މީހަކަށާއި ޢިލްމުވެރިއަކަށް އަނިޔާ ނުދޭ ވާހަކަ ބުނަން ލަދުވެސް ނުގަންނަނީތޯއެވެ. އަދި އަމިއްލަ ނަފްސު ދިފާޢު ކުރައްވައި, ވޭތުވެދިޔަ 3 އަހަރު ނުކުރާވަރަށް މި 3 ދުވަހު އިމްރާން ޓުވީޓު ކުރައްވައިފި ކަމަށް ޝެއިޚް ސައުދާން ވަނީ ވިދާޅުވެފައެެވެ.

ބައިނަލް އަޤުވާމީ ޔޯގާ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން ރާއްޖޭގެ މަޝްހޫރު އިލްމުވެރިން ކަމަށްވާ އައްޝައިޚް އާދަމް ނިޝާނާއި އައްޝައިޚް ފަޟްލޫން މުޙައްމަދު ހައްޔަރު ކުރުމުން ގިނަ އިލްމުވެރިންނާއި އާންމު ރައްޔިތުން ދަނީ އެކަމާ ނުރުހުން ފާޅުކޮށް އަޑު އުފުލަމުންނެވެ. އަދާލަތުޕާޓީ އާއި ޝެއިޚް އިމްރާނަށް ފާޑުވިދާޅުވަމުންނެވެ. އަދި ދީނީ އިލްމުވެރިން ދޫކޮށްލުމަށް އަންނަނީ ގޮވަމުންނެވެ.

އިލްމުވެރިންގެ ފާޑުކިޔުންތަކުން އަމިއްލަ ނަފްސު ދިފާއުކުރަމުން ޝެއިޚް އިމްރާން ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާއެއް ނުކުރައްވާނެ ކަމަށާއި ވަކިން ޚާއްސަކޮށް ދީނީ ޢިލްމުވެރިއަކަށް އަނިޔާއެއް ނުކުރައްވާނެ ކަމަށެވެ. އަދި އަނިޔާ ލިބެމުންދާ މީހުންގެ ދުޢާއިން ރައްކާތެރިވުމަށް އަބަދުވެސް ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އިމްރާންގެ ޓްވީޓްތަކާއި ގުޅިގެން ގިނަބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ޝައިޚް ސައުދާން ވިދާޅުވީ ‏މިހާތަނަށް ޢަދާލަތާއި, ޢަދާލަތުގެ ރައީސް ކުރައްވާފައިވާ ޓުވީޓު ތަކުގެ ކޮމެންޓު ބައި ބަލައިލިޔަސް ބަޔަކަށް ޢިބުރަތް ހާސިލުވެ ހެޔޮވިސްނުން ލިބިގެންދާނެ ކަމަށެވެ.