ދެކުނުގެ ހަތް އަތޮޅުން 250 އަށްވުރެ ގިނަ ބައިވެރިންނާއެކު ވިއަވަތި ކޮންފަރެންސް މިފަހަރު ލާމުގައި ބޭއްވުމަށް ތައްޔާރީތައް ވާން ފަށައިފިއެވެ. މިހިނގާ ސެޕްޓެމްބަރ މަހު 10 އިން 12 އަށް ލ.ގަމުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިކޮންފަރެންސްގައި ހުވަދު އަތޮޅުގެ ގިނަ ބައިވެރިންގެ އިތުރުން ދ، ރ، ލ، އަދި ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީން ގިނަ ބައިވެރިން ހިމެނެއެވެ. ވިއަވަތި ކޮންފަރެންސް ބާއްވާނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިސްވެރިންގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ޓެކްނިކަލް މުވައްޒަފުން ހިމެނޭހެން 250 އަށްވުރެ ގިނަ ބައިވެރިންނާ އެކުއެވެ. މިފަހަރުގެ ކޮންފަރެންސްގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކަށެވެ.
- ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން،
- ބިނާވެށި ޕްލޭން އެކުލަވާލުން،
- މިންތީގެ ހަމަހަމަކަން އަދި
- ވިލުންވެރި މުޖްތަމައުއެއް ބިނާކުރުން
ކުރީ ފަހަރެކޭ ވެސް އެއްގޮތަށް މިފަހަރު ވެސް ކޮންފަރެންސްގެ ބައިވެރިންނާ އެކު ގުޅުންބަދަހިކުރުމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލްއެއް މިމަހު 10 ވަނަ ދުވަހުގެ ހަވީރު، ލ. ގަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ވިއަވަތި ރާއްޖެއަކީ އަލަށް އިންތިހާބުކުރި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބާއްވަމުން ގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.