އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ނެތި، ޅ.ތިލަމާފުށީގައި ރިސޯޓު ތަރައްޤީ ކުރުމުގެ ބައެއް މަސައްކަތްތައް ކުރުމުން، އެރަށުގެ މަސައްކަތް ކުރަމުން އަންނަ ސީޓީ އެޓް ތިލަމާފުށި ޕްރައިވެޓް ލިމިޓެޑް 20،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
އީޕީއޭއިން ބުނީ، ހުއްދަ ނެތި މަސައްކަތް ކުރިކަން އެ އެޖެންސީއަށް ސާބިތުވެފައިވާ ކަމަށެވެ. ހުއްދަ ނުހޯދާ މަސައްކަތް ކުރި ފުރަތަމަ ފަހަރުކަމަށް ވުމުން، ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު) ގެ ޖަދުވަލު (ޖ) ގެ 1 ވަނަ ނަންބަރުގެ ދަށުން ޖޫރިމަނާ ކުރީކަމަށެވެ.
ޖޫރިމަނާ ކުރިކަން އެކުންފުންޏަށް އަންގާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. ޖެހިގެން އައި ދުވަހު އެކުންފުނިން ވަނީ ޖޫރިމަނާ ފައިސާ ދައްކާފައި ކަމަށް އީޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޅ. ތިލަމާފުށީގައި ރިސޯޓު ތަރައްޤީ ކުރުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތަކާއި ރަށުގެ ތިމާވެށީގެ މިހާރުގެ ހާލަތު، އީ.އައި.އޭ ކޮންސަލްޓަންޓް އެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު ރިޕޯޓެއް ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަސް ތެރޭގައި މި އޭޖެންސީއަށް ހުށަހެޅުމަށާއި، ޅ. ތިލަމާފުށީގައި ރިސޯޓު ތަރައްޤީ ކުރުމަށްޓަކައި މިހާރު ކުރެވިފައިވާ މަސައްކަތްތައް އީއައިއޭ މޮނީޓަރިން ޕްލޭންގައި ހިމަނާ އަދި އިސްލާހުކޮށް، އާ މޮނީޓަރިންގ ޕްލޭން ހުށައަޅާނެ ކަމުގެ ލިޔުމެއް ހަތް ދުވަހުގެ ތެރޭގައި އެ އޭޖެންސީ އަށް ހުށަހަޅުމަށް ވެސް ޅ.ތިލަމާފުށި ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރާ ކުންފުންޏަށް އަންގާފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.