ސަރުކާރުން މިހާތަނަށް ހިންގާފައިވާ ހައުސިން މަޝްރޫއުތަކުގެ ދަށުން ފްލެޓުތަކުގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން 41 ޕަސެންޓު މީހުން ގަވައިދުން ކުލި ނުދައްކާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް އެ ކުންފުނިން އިމާރާތްކުރި ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ފްލެޓްތަކުގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން 31-41 ޕަސެންޓު މީހުން ޤަވައިދުން ކުލި ނުދައްކާ ކަމަށާއި އޭގެ ސަބަބުން މާލީ ގޮތުން ދަތިވެ، މިފަދަ މަޝްރޫއުތައް ހިންގަން އުނދަގޫވާ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި އެ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުން ނަމަ ގަވައިދުން ކުލި ދައްކަން ޖެހޭ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މިހާ ގިނަ ބަޔަކު ގަވައިދުން ކުލި ނުދައްކާ ނަމަ، ހައުސިން މަޝްރޫއުތައް ދެކޮޅު ޖައްސާނެ ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި މުސްތަގުބަލުގައި މި ކަން ކުރެވޭނީ ފްލެޓުވެރިން ޑީފޯލްޓުނުވެ، ގަވައިދުން ކުލި ދައްކަމުން ގެންދިޔުމުން ކަމަށެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަރުކާރުން އަޅާފައިވާ ފްލެޓްތަކުގައި ދިރިއުޅެމުންދާ މީހުން ޤަވައިދުން ކުލި ނުދެއްކުމާއި ގުޅިގެން މިނިސްޓަރ އަސްލަމް ވަނީ އެކަމާ ކަންބޮޑުވުން ފާހަނގަކޮޮށްފައެވެ.

ދިގު މުައްދަތަކަށް ބަހާލައިގެން، މަހު ކުލި ދައްކައިގެން އެއްކޮށް ހަލާސްކުރާ ގޮތަށް ސަރުކާރުން ހަމަޖައްސާފައިވީ ނަމަވެސް އޭގެ ތެރެއިން ބައެއް ފްލެޓްތަކަށް ގަވައިދުން ކުލި ނުދައްކާ މައްސަލަ ބޮޑެވެ. ހަމައެއާއެކު ހިޔާ މަޝްރޫއުން ފްލެޓު ލިިބުނު ބައެއް މީހުން ވަނީ ފްލެޓުތަކަށް ދައްކަން ޖެހޭ ކުލި ބޮޑު ކަމަށް ބުނެ، ކުލި ދައްކަން ދެކޮޅު ހަދައިފައެވެ. އެ މައްސަލައިގައި ކުލި ނުދައްކާ މީހުންނަށް ފައިސާ ދައްކަން އަންގައި، ޖޫރިމަނާ އާ އެކު އެޗްޑީސީން ލިޔުން ފޮނުވާފައި ހުއްޓެވެ. އަދި އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުން ދާނެ ކަމުގެ އިންޒާރު ވެސް ދީފައިވެއެވެ.