ޖާބިރަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު “އަލަމްގިރި” ކަމަށާއި، ވައްކަންކޮށް، ރާބޮއެގެން ޝަރީއަތަށް ފިލައިގެން އުޅުނު މީހެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާ ދެބޭފުޅުން އެކަކު އަނެކަކަށް ވަގަށް ގޮވައި، ތުހުމަތުތަކެއް ވަނީ އަޅުވާފައެވެ.
މިކޯޅުން ފެށިފައިވަނީ މަޖިލީހުގައި 16 ވަގުން ތިއްބެވި ކަމަށް ތުހުމަތުކޮށް ޖާބިރު ވާހަކަފުޅު ދައްކަވަން ފެއްޓެވުމުންނެވެ. އޭނާ އިޝާރާތް ކުރެއްވި 16 ބޭފުޅުންގެ ތެރޭގައި ޝަރީފުގެ ނަން ޖާބިރު ފާހަގަ ކުރެއްވިއެވެ.
ޖާބިރު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ބުނާ 16 މެމްބަރުން މަޖިލީހުގައި އެބަތިއްބެވެ. އަދި އައްޑު އަތޮޅު މެމްބަރު ޝަރީފު 88 މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނެ އެބޭފުޅުންގެ ސަބަބުން ޖާބިރުގެ ގަޔަށްވެސް އެބަލި އަރާފާނެ ކަމުގެ ބިރު ހީވާ ކަމަށް ޖާބިރު ބުނުމުން ޝަރީފް ރުޅިގަދަވެގެން ޖާބިރު ދެއްކި ވާހަކައަށް ރައްދު ދޭން ފެށިއެވެ.
ޖާބިރު އާއި ޝަރީފްގެ ކޯޅުން ހޫނުވާ ހިސާބަށް ދިޔުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެހެން އިއްޒަތްތެރި މެމްބަރުންގެ އިސްތަށިފުޅުގައި ވައްކަމުގެ ތުހުމަތު ނޭޅުވުމަށް ޖާބިރަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި މުޅި މަޖިލީހަށް ނިސްބަތްކޮށް ތިބާވަތުގެ ވާހަކަ ދެއްކުމަކީ މަޖިލީހުގެ ގަވާއިދު ތަންދޭ ކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންނަމަވެސް ޖާބިރު ދިޔައީ އެތުހުމަތްތައް ތަކުރާރު ކުރަމުންނެވެ. ރައްދުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވިދާޅުވީ ޖާބިރަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު “އަލަމްގިރި” ކަމަށާއި ވައްކަންކޮށްގެން އަރިއަތޮޅަށް ޖާބިރު އަރުވާލެއްވި ކަމަށާއި ރާބޮއެގެން ޝަރީއަތަށް ފިލައިގެން އުޅުނު މީހެއް ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެ ބޭފުޅުން އެކަކު އަނެކަކަަށް އެ ތުހުމަތު އެޅުއްވުމުން، ބައެއް މެމްބަރުން ނިޒާމީ މައްސަލަ ނަންގަވައި، އެކަން ހުއްޓުވައިދިނުމަށް ރިޔާސަތުގައި ދެންނެވިއެވެ. ނަމަވެސް ރިޔާސަތަށް އެކަން ހުއްޓުވުމަށް ނުކުޅެދުނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.