ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ދަނގަޑުތައް މާބޮޑަށްވެސް އަގުހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ހާމަކުރި ގޮތުގައި އެކުންފުނިން ވިއްކާ ދަނގަޑުތައް މިއަދުން ފެށިގެން 14 އިންސައްތައާ ހަމައަށް އަގުހެޔޮކޮށްފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުނުއިރު ދަނގަނޑުގެ އަގުތަކަށް ވެސް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެހެންނަމަވެސް އެކުންފުނިން މަސައްކަތް ކުރަމުން ގެންދަނީ އަތްފޯރާ ފަށުގައި ތަކެތީގެ އަގު ހެޔޮކޮށް ވިއްކުން ކަމުގައި އެސްޓީއޯއިން ބުނެއެވެ.

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ކިތަންމެ މައްޗަށް ދިޔަކަމުގައިވިޔަސް އެކުންފުނީގެ އަމާޒަކީ ރާއްޖޭގެ ބާޒާރުގައި އަގުތައް ކޮންޓްރޯލްކޮށް އެންމެ ކުޑައަގެއްގައި މުދާ ފޯރުކޮށްދިނުމަށް މެދުނުކެނޑި މަސައްކަތް ކޮށްފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދިހަމައެއާއެކު ދުނިޔޭގެ ބާޒާރަށް އައި ލޮޅުންތަކާއެކު ސަޕްލައި ޗެއިނަށް ދިމާވި ދަތިތަކުން މިހާރު އަރައިގަނެވެމުންދާކަން އެސްޓީއޯއިން ވަނީ ފާހަގަ ކޮށްފައެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން ވިއްކާ އިމާރާތް ކުރުމަށް ބޭނުންކުރާ އެހެނިހެން ސާމާނުތަކުގެ އަގުތަކަށް ވެސް ކުރިއަށް އޮތް ތަނުގައި ހެޔޮ ބަދަލުތަކެއް އަންނާނެ ކަަމަށެވެ.