ހދ.މަކުނުދޫ ދަނޑެއްގައި ކުޅުނު ހަމަ ވަރަށް އާދައިގެ ފުޓްބޯޅަ މެޗެއްގައި ޝަވަން އެއްފަޔާއެކު ދައްކާލި ކުޅުމަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބި އެންސްޕާގެ އެހީގައި ޝަވަންއަށް ފަޔެއް ޖަހަން އެންސްޕާއިން ނިންމައިފިއެވެ.

މީޑިޔާއަށް މައުލޫމާތު ދެއްވަމުން އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީޤް ވިދާޅުވީ ޝަވަން މުހައްމަދުއަށް ޕްރެސްތެޓިކް ފަޔެއް ޖަހައިދޭން އެންސްޕާއިން ނިންމާފައިވާ ކަމަށާއި ޝަވަންގެ ފައި ޖެހުމަށް ބޭނުންވާ އިންތިޒާމް ހަމަޖައްސައި އެއާއިލާއަށް މިއަދު އަންގާފައިވާނެ ކަމަށެވެ.

މަކުނުދޫ ސްކޫލލްގެ ޕްރިންސިލް ފޭސްބުކުގައި އާންމުކުރި ވީޑިޔޯއިން ފެނިގެންދަނީ އުމުރުން އެންމެ ހަތް އަހަރުގެ ޝަވަން ފުޓްބޯޅަ ކުޅުމަށް ހުންނަ ޝައުޤުވެރިކަމާއި ޝަވަންގެ ކުޅަދާނަކަމެވެ.

ވީޑިޔޯއިން ފެންނަނީ އެއްފައި މައްޗަށް ކުޑަފިރިހެން ކުއްޖަކު ދުވަމުން ހަމަ ފިސާރި ޖޯޝާއެކު ބޯޅަ ފަހާ އެހެންކުދިންގެ ތެރެއަށް ވަދެ ނުހަނު ޔަގީންކަމާއެކު ކުޅުމުގައި ފޯރިހިފާތަނެވެ. މަންޒަރު ހާއްސަވީ އެކުއްޖާ އިރުކޮޅަކުން ބައިގަނޑު ރޫޅިގެންދިއުމާއެކު ބިންމަތީގައި ކޮރުޖަހަމުން ދިޔަ ފަރާތް(ކަކުލާހަމައިން ހުއްޓިފައި) ބިންމަތީގައި ޖައްސާ ވަރުބަލި ފިލުވަން އަނެއްފައިމަތީ އިށީނުމުންނެވެ. އެހެން ކުދިންހެން އުކުޅުގައި އަތްވެސް ވިއްދައެވެ. މެޗާބެހޭ ގޮތުން މޫނުން ދާފޮހެމުން ވާހަކަވެސް ދައްކައެވެ. އާއެކެވެ. ކުއްޖާއަކީ އެއްވެސް ވަރަކަށް ތަފާތު ކުއްޖެއް ހެން ފަހަރެއްގައިވެސް އޭނާގެ ފަޔަށް ކަޅި އަމާޒުނުކޮށް މެޗު ބަލައިފިނަމަ ހީވާނެ އެއްވެސް ޖާގައެއް ނެތެވެ.

އެވީޑިޔޯއަށް ގިނަބައެއްގެ ތައުރީފް ލިބި ޝަވަންއަށް ގިނަ ބަޔަކު ދަނީ ހިތްވަރުދެމުންނެވެ.