ފޮޓޯ ތަކާއި ވީޑިއޯ އިން ތިޔަ ފެންނަނީ ފަރުބަދަމަތީ ޤައުމަކަށް ކުރަމުންދާ ދުން ފިނީގެ އަސަރެއް ނޫނެވެ. ތިޔައީ ދެކުނު ހުވަދޫ ގެ އެންމެ އާބާދީ ބޮޑު ތިނަދޫ ގެ ޙާލަތެވެ.
އިއްޔެގެ މެންދުރު ފަހު ރަށުގެ ކުނި ކޮށިން އަނދަމުން ދިޔަ ބޮޑު އަލިފާން ގަނޑެއްގެ ދުން ތަކެވެ. ތިޔައީ ރަށުގެ މީހުން އާބާދު ވަމުން އަންނަ ސަރަހައްދުގައި ހުރި ތިނަދޫ ކައުނަސިލްގެ ކުނިގޮނޑުން ރަށު ތެރެއަށް ފެތުރިފައިވާ ވިހަ ދުން ތަކެވެ.
ކުނި ކޮށީގެ ވިހަ ދުންތައް ތިޔަ ވަނީ ރަށުގެ ބޮޑު ބަޔަކަށް ގޮސް އޭގެ އަސަރުން ލޯ ހުޅުވާލަން އުނދަގޫވެ ނޭވާ ނުލެވޭ ހިސާބަށް ގޮސްފައެވެ. ސަރަހައްދުގެ ގެ ތަކަކާ ފިހާރަ ތަކާއި މަދަރުސާ އާއި މިސްކިތް ވަނީ ދުމުން ފުރިއިފައެވެ. ހިގާބިންގާ އުޅެން ވަނީ އުނދަގޫ ވެފައެވެ.
ތިނަދޫ ސްކޫލް ކުރިމަތީ އޮންނަ މަގު ދުމުން ފުރިފައި - ހުވަދޫ ފޮޓޯ: އަހުތަރު
ތިނަދޫ ގައި ކުނީގެ މައްސަލަ ވަނީ މިހާތަނަށް އައި އިރު އެއްވެސް ސަރުކާރަކުން އަދި އެއްވެސް ކައުންސިލަކުން ވެސް ޙައްލު ނުކުރެވިފައެވެ. މިހާރު ވަނީ އެކަން ބޮއްސުންލައި ގޮސްފައެވެ.
2000 ވަނަ އަހަރު ތިނަދޫގެ އުތުރު ފަރާތުގެ ބިން ހިއްކުމާއި އެކު ކުރިން ރަށުގެ 3 ސަރަހައްދުގައި ހަދާފައިވާ ކުނި ކޮށިތައް ނައްތާލުމަށް ފަހު ރަށުގެ މާފުށީގެ ހުޅަނގު ކަނުގައި ( އެ ވަގުތު ރަށުގެ އެންމެ އެކަހެރި ސަރަހައްދު ) ބޮޑު ކުނި ކޮއްޓެއް ހަދައި އެތަނަށް ކުނި ޖަމާކޮށް ނައްތާލަން އޭރުގެ ރަށު އޮފީހާއި ފަހުން އުފެދުނު ކައުންސިލް ތަކުން މަސައްކަތް ފެށިއެވެ. ރަނގަޅު ޙައްލެއް ހޯދުމަށް ގިނަ ޚަރަދު ތަކެއް ކުރިއެވެ. ކުނި ކޮއްޓާއި އިންވެގެން އޮތް ކުޅި ހިމާޔަތް ކުރުމަށް ކަމަށް ބުނެ ޔޫއެންޑީޕީ އިން 50 ހާސް ޑޮލަރު ހޯދައި އެތަނުފައި ކުނި ކޮށި ބަލަހައްޓާނެ އޮފީހާއި ތަންތަން ވެސް ކައުންސިލުން ހެދިއެވެ. އެތަނަށް މުވައްޒަފުން ލިއެވެ. އެތައް މަސައްކަތެއް ކުރި އެވެ. ބޭކާރު އެތައް ފައިސާ އެއް އެ ކޮއްޓަށް ޚަރަދު ވެސް ކުރިއެވެ. ނަމަވެސް ނަތީޖާ ހަމަ ސުމެކެވެ. ފަހުން ފަހުން އައިސް ކުނި ކޮށީގެ ބަދަލު ވެގެން ދިޔައީ ކުނި ފަރުބަދަ ތަކަށެވެ. އޮބި ނޯވެގެން ގޮސް އެންމެ ފަހުން ކޮށިން ބޭރަށް ވެސް ކުނި އަޅައި މުޅި ސަރަހައްދު ވެގެން ދިޔައީ ކުނި ޖަމާ ކުރާ އަވަށަކަށެވެ. މުޅި ހިސާބު މޫދު ވެސް ވެގެން ދިޔައީ އަވަށުގެ ބަޔަކަށެވެ.
ކުނިކޮށި ސަރަހއްދުގައި ނޭވާ ނުލެވޭ ވަރަށް ދުން ބޯވެފައި - ހުވަދޫ ފޮޓޯ: އަހުތަރު
ކުނި ކޮށީގެ ޙާލަތު ގޯސްވެ ބޮއްސުން ލާ ހިސާބަށް ދިޔުމުން ކުރެވޭ ކަމަކީ ހައިމާކު ބޭނުން ކޮށްގެން ގޮނޑު ކުނިތައް އެއް ފަރާތް ކޮށް ކޮންމެވެސް ވަރަކަށް ތަން ބޮލަށް ފަސޭހަ ކޮށްލުނެވެ.
ދެތިން ފަހަރަކު ވޯޓު ލުން ތަކަށް ހަނދު ބެލި ވަޤުތެއްގައި އެއްކޮށް ދޫލައި ސާފު ކުރި މަންޒަރު ވެސް ފެނުއެވެ. ނަމަވެސް އެއީ ހަމަ ހުވަފެން ތަކެވެ. އަނެކާވެސް އިސްވެ ދެންނެވުން ޙާލަތެވެ. މުޅި ރަށް މެހިން ފުރި ހަފުތާ އަކު ދެތިން ފަހަރަށް މުޅި ރަށަށް ވިހަ ދުމެވެ.
ކުނިކޮށިން އަރާ ދުމުން މުޅި ރަށް ދުމުން ފުރިފައި - ހުވަދޫ ފޮޓޯ: އަހުތަރު
ތިނަދޫގެ ރައްޔިތުން މި ތަކުލީފުން ސަލާމަތް ނުވެ ވިހަ ދުން ނޭވާ ހޮޅިއަށް އެޅި މަރަށް ތެޅެމުން ދާއިރު ސަރުކާރުން ދަނީ މޮޅު ޕްލޭން ތައް ދައްކައި ރައްޔިތުން ލޮލުގައި އަނދުން އަޅުވަމުންނެވެ. އަނެއް ކޮޅުން ކައުންސިލް އޮތީ ރޮކެޓް ސައިންސްގެ ވިސްނުމާއި އެކު ވިޔަސް އެ ގޮނޑު އެތަނުން އެހެން ތަނަކަށް ބަދަލު ނުކޮށް ކުރެވެންހުރި ހުރިހާ ކުރާނަމޭ ކިޔާ އެތަނުގައި ވަކި ހިއްޕަވައިގެންނެވެ. ނަމަވެސް އަދި ޢަދަށް ކުރެވުނު ކަމެއް ވީ ޙައްލެއް ޙަރާމެވެ. ރައްޔިތުންގެ ލޯތައް ފާރުވަމުން ދަނީ އެ ދުން ތަކުގެ އުނދަގުލުންނެވެ. ފުއްޕާ މޭގެ ޙާލަތު އެނގޭނީ ޓެސްޓު ކޮށް ބެލީމައެވެ.
ތިނަދޫގެ ކުނި ކޮށި މިހާރު އޮތީ މީހުން ދިރިއުޅޭ ހިސާބުގައެވެ. ޖެހިގެން އޮތީ ތިނަދޫ ކައުނަސިލްގެ ރައީސް އެ ތަނަކަށްޓަކައި ޤުރުބާން ވަމުންދާ ކުޅި އެވެ. ދެން ވެސް ތިބީ މީހުން އަވަދިނެތި އުޅެމުންދާ ކާރުޚާނާ, ވޯރކްޝޮޕް ފަދަ ތަންތަނެވެ.
ކުނިކޮށި ކައިރީގައި ޤާއިމުކޮށްފައިވާ އެވިއަރ ފެން އުފައްދާ ކުންފުނި، މުޅި ސަރަހައްދު ދުމުން ފުރިފައި - ހުވަދޫ ފޮޓޯ: އަހުތަރު
ރަށުގެ ރައްޔިތުން ކަރަށް ނާރު ތިލަކޮށް ގޮވަމުން ދަނީ އެ ކުނި ކޮށި ދުރަށް ގެންދިޔުމަށެވެ. މި ވަގުތަށް އޮތް ހުސް ޖާގަ އަކަށް ގެންގޮސް ޙައްލެއް ހޯދައި ދިނުމަށެވެ. އެ ދުން ތަކާ މެހިން ރަށާ ރައްޔިތުން ސަލާމަތް ކޮށް ދިނުމަށެވެ.
ތިނަދޫގެ މަގުތައް ދުމުން ފުރިފައި - ހުވަދޫ ފޮޓޯ: އަހުތަރު
ޔަޤީންވާ އެއް ކަމެއް އެބައޮތެވެ. ކުރިޔަށް އޮތް ތާނގައި ވެސް ބޮޑު އާބާދީ އަކަ އެކު ހަލަބޮލި ވަމުން އަންނަ ތިނަދޫ އަކުން އުފެދޭ ކުނި ހައްތާވެސް ވާނީ ގިނައެވެ.
ޚިޔާލު (3)
ރަށުގެ ވެރިއަކަށް ހުރީ ޖާނުންބޮޑެއްކަމަކު ކުޑަ ކުޑަ ސިކުނޑިއެއް ހުރި ބިގަރެކޭ އެހެންވީމާ ތިކަހަލަ ކަންތަށްވާނެ އެއީ މައްސަލައެއް ނޫން. އެބިގަރު ރަށުގެ ވެރިއަކަށް ހޮވަން ވޯޓު ދިންމީހުންނަށް އޮންނާނެ ރާކަނިމަސް ކެވިފަ މިހާރު
ކައުންސިލްގެ ރައީސްގެ ތޫނު ވިސްނުންފުޅާކީ ސިނާއީ ސަރަހައްދެއް ހެދުމަށް ރަށުގެ އިރުމަތީފަރާތުން ހިއްކަމުން އެގެންދާ ބިމަށް ކުނިކޮށި ބަދަލުކުރުމެވެ. ރައީސްވިދާޅުވަނީ އެއީ ރަށާ ވަކިން އޮންނަތަނެއްކަމުން އެތާގައި ކުނި އެންދިޔަސް ރަށު މީހުންނަށް އޭގެ އުދަގުލެއް ނުޖެހޭނެކަމަށެވެ. ޢަދި އެސަރަހައްދު (ރަށުގެ މޫނުމަތީގައި) ޓިނުގުދަން ތަކެއް ހަދާފަ ބާމުދާ އެސަރަހައްދުގައި ބެހެއްޓުމަކީ ތަރައްގީގެ ފެށުން ކަމަށެވެ. ޝުކުރިއްޔާ ރުއްމިނިސްޓަރު
ލޯބިވާ ބޭބޭފުޅަށް ވެދުން ސަލާމަށްފަހު ލިޔަމެވެ. ތިކަހަލަ ހުތުރު ވާހަކަ ލިއުމަށްވުރެ ދެން އަންނަ ދައުރެއްގައި ކައުންސިލްގެ ރައީސްކަމަށް ވާދަކޮއް ހޮވި ތިކަހަލަ ކަންތަށް ހައްލުކުރަންވީނުންހެއްޔެވެ. ބޭބޭފުޅުގެ ކޮއްކޯފުޅުވެސް ކައުންސިލުގައި އެބައިންނެވިއެވެ. ތި ހުތުރު ވާހަކަތަށް ރައްދުވަނީ އެކަމަނާއަށެވެ ލަދުން ބޯހަލާކު