ދުނިޔޭގައި ކޮވިޑް19 ފެތުރެން ފެށުމާއެކު އަހަރެން ކޮވިޑްއިން ރައްކާވުމަށް ރަޖާ އޮޅައިގެން ފިލައިގެން އުޅެން ގަސްތުކޮށްފީމެވެ. އޭރު އަދި ކޮވިޑްގެ ރާޅު ދިވެހި ރާއްޖެއޭ މިކިޔާ ޖަޒީރާ ރަށްތަކާއި ހަމަޔަށް ނާދެއެވެ. އެހެން ނަމަވެސް ދިވެހި ރާއްޖެއަކީ ވިލާތުގެ މެހުމާނުން ދަތުރުކުރާ ޖަޒީރާ އަކަށް ވާތީވެ މި ޖަޒީރާގެ މައި ދޮރާށިން ކޮވިޑް19 އެތެރެވާކަށް ލަހެއްފަހެއް ނުވާނެކަން ކަށަވަރު ވެއްޖެއެވެ.
އެޕްރިލް 2020 ގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާތީވެ، އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރުމަށް ތާޢީދު ހޯދުމުގެ ގޮތުން މީހުންނާއި ބައްދަލުކުރަން އަހަރެން އައިސް އުޅުނީ މާލޭގައެވެ. އެއްކެފޭއިން އަނެއްކެފޭއަށް ގުރޫޕްތައް އެއްކޮށްގެން ކޮފީއާއި، ސަޔާއި ކެއުމުގައި އަވަދިވެނެތި އުޅުނީއެވެ. ހެދުނު 8 ޖަހާއިރު ހޭލައިގެން ނުކުންނަ ގޮތަށް އެނބުރި ގެޔަށް ވަންނަނީ މާލޭގެ ކެފޭ ރެސްޓޯރެންޓް ބަންދު ކުރުމުންނެވެ. މިހެން އިންނަ އިނުމުގައިވެސް ކޮވިޑް19 އާއި ދޭތެރޭ އަހަރެންގެ ސިކުނޑި ދިޔައީ ވިސްނަމުންނެވެ. ޤައުމުތަކުގައި ހަލުވި ކަމާއިއެކު ކޮވިޑް ފެތުރެމުންދާ ކަމުގެ ޚަބަރުތައް ޚަބަރު ފީތާ ތަކުން ދިޔައީ ގެނެސް ދެމުންނެވެ.
ކޮވިޑް19 ރާއްޖޭގެ މައި ދޮރާށިން ވަދެގެން އަންނާނީ މާދަމާ ކަމެއް އަދަކު ކަމެއް ނޭނގެއެވެ. އިނގޭހާވެސް ކަމަކިީ ކިތަންމެ ރައްކާތެރި ފިޔަވަޅެއް އެޅިއަސް ކޮވިޑް ވަދެގެން އަންނާނެކަމެވެ. އެހެން ކަމުން ގެޔަށް ވަންނަ ގޮތަށް އަހަރެން ކުރާ ކަމަކީ ފެންވަރާލައިގެން އެދުވަހު ލައިގެން އުޅުނު އަންނައުން މެށިންއަށް އަޅައި ދުވަހުން ދުވަހަށް ދޮންނަނީއެވެ. ސައިބޯނި ލައިގެން އަތްދޮވެވޭ ވަރެށްވެސް ނޭނގެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ނިމި ލޯކަލްކައުންސިލް އިންތިހާބުގެ ކެމްޕެއިން އެމްޑީޕީއިން ފަށައިފިއެވެ. މިގޮތުން 7 މާރޗް 2020ގައި އެމްޑީޕީގެ އަންހެނުންގެ ރޫޙުން އިންތިޒާމުކޮށްގެން ވިލިމާލޭގައި ކުރިއަށް ގެންދިޔަ ރަށްވެހި ފަތިސް ފެސްޓިވަލް ހުޅުވުމަށްފަހު އެދުވަހުގެ މެންދުރުފަހުގެ ދަންފަޅި ކެންސަލް ކުރުމުން ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަނުން އިއުލާނުކުރި ތާރީޚަށް ނުބޭއްވޭނެކަން ކަށަވަރު ވެއްޖެއެވެ. އެހެންކަމުން ބުއްދިވެރި ގޮތަކީ މިކަން ހުއްޓާލައިފައި ރަށަށް ދިޔުންކަމަށް ނިންމައި ޖެހިގެން އައިދުވަހަށް ޓިކެޓް ގަނެގެން ރަށަށްދާން ފުރައިފީމެވެ. ރަށަށްގޮސް ފަރުދީ ޒިންމާއެއްގެ ގޮތުން ދަރިންނާއި ވީހާވެސް ބޮޑަށް ދުރުވެ 5 ވަރަކަށް ދުވަހު މާސްކު އަޅައިގެން އުޅެފީމެވެ.
ކޮވިޑްގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނީ 7 މާރޗް 2020ގައެވެ. ކުރެއްދޫ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކޮށްފަ ދިޔަ އިޓަލީ ވިލާތުގެ 2 ފަތުރުވެރިޔަކު ކޮވިޑް19 އަށް ޕޮޒިޓިވްކަން އެނގުނީ އެމީހުން ރާއްޖެއިން ފުރައިގެން ދިޔަފަހުންނެވެ. އެހާ ހިސާބުން ކަމާއިބެހޭ ފަރާތްތަކުން ޕޮޒިޓިވްވި ފަތުރުވެރިންނާއި ބައްދަލުވީ ކޮންފަރާތްތަކެއްތޯ ބަލައި ހޯދައި އެމަސައްކަތް ފަށައިފިއެވެ.ކޮންމެއަކަސް މިއޮތީ ކޮވިޑި ރާއްޖޭގެ މައިދޮރާށިން އެތެރެ ވެފައެވެ.
އާންމުންގެ ތެރޭގައި ކޮވިޑް19 ފެތުރުނުކަމުގެ ސިގުނަލް ލިބުނީ މާލެއިން 15 އެޕްރިލް 2020 ގައި ކޮވިޑް19 އަށް ޕޮޒިޓްވުމުންނެވެ. އެހާ ހިސާބުން އާންމުންގެ ތެރޭގައި ބިރުވެރިކަން ދިޔައީ އިންތިހާއަށެވެ. މި ބިރުވެރި ކަމުގައި ސޯޝަލް ޕްލެޓް ފޯރމް ތަކުގައި ބައެއް މީހުން މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާގެ ފޮޓޯތަށް އާންމުކޮށް އޭނާގެ އަބުރާއި އިންސާނީ ކަރާމާތަށްވެސް އަރައިގެންފިއެވެ.
16 އެޕްރިލް 2020 ގައި މާލެ ލޮކްޑައުންކޮށް ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުން އެޅުއްވެވިއެވެ. ފިހާރަތަކުން އާންމުން ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމަށް ސިފައިންނާއި ފުލުހުން ނުކުތެވެވެ. އާންމު ރައްޔިތުން ދަތި އުދަގޫ ދުވަސްތަކެއްގައި ކެތްކޮށްލައިގެން ތިބީއެވެ.
މާލެ ލޮކްޑައުން ކުރުމުން މާލޭގައި ރަށްރަށަށް ނުދެވިފައި އެކި ބޭނުންތަކަށް މާލެ އައިސްތިބި އަތޮޅުތަކުގެ ރައްޔިތުން ތާށިވީއެވެ. ވަކި ތަރުތީބަކުން އިސްކަންދީގެން ސަރުކާރުން މީހުން ކަރަންޓީން ކުރަންފެށިއެވެ. އެންމެ ފުރަތަމަ ކަރަންޓީން ކުރީ 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުން އާއި ގުޅިގެން ބަންދުކުރި ރިސޯޓް ތަކުގައެވެ. އޭގެ ފަހުން ސަރުކާރަށް ވެސް މިކަން ތަކުލީފަކަށްވެ ހަރުދަނާ ޤަވާއިދެއްގެ ދަށުން އެބަޔެއްގެ ރަށުގައި، ގޭގައި ކަރަންޓީން ކުރުމުގެ ހުއްދަދިނެވެ. ކަރަންޓީނު ކަންތައްތައް މޮނިޓާރ ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ކައުންސިލްތަށް މަތިކުރިއެވެ. އެއާއިއެކު ޖަޒީރާ ރަށްތަކުގެ ނެރުން ކޮވިޑް ވަދެ ފެތުރޭނެކަން އެންމެންވެސް ޤަބޫލުކުރިއެވެ. ޤާނޫނެއް ޤަވާއިދެއް ހެދިޔަސް އެޔަށް އަމަލު ކުރާންތިބީ މަދު ބަޔެކެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ކައުންސިލްތަކަށް މަތިކޮށްފައިވާ ކަންތަކުގެ ދަށުން މާލެއިން ރަށްރަށަށް އަންނަ ނާލު އޮޑި ފަހަރުގެ ނާލު ބޭލުމުގައިވެސް އެކި ކައުންސިލް ތަކުން އެކި ގޮތްގޮތަށް އަމަލު ކުރިއެވެ. މި ދުވަސްވަރު އަހަރެން އުޅުނީ ދެއްވަދޫ ކައުންސިލްގެ ނައިބް ރައީސް ކަމުގައެވެ. އަތޮޅު ހަސްފަތާލުން ރަށު ސިއްޙީ މަރުކަޒުގައި ބޭއްވެވި ބައްދަލު ވުމަކަށް އަހަރެންވެސް ދިޔައީމެވެ. ވައިރެސް އެކި އެއްޗެހީގައި ހަރުލާފައި ހުންނާނީ މިތަކެއް ގަޑިތަކެއް ކަމަށް ބުނެ މަޢުލޫމާތް ދިނެވެ. އެހެން ކަމުން ރަށަށް ބާލާ ނާލު ތަކާއި މެދު ކަންކުރާނެ ގޮތަކަށް އެބޭފުޅުން ދެއްވި ލަފަޔަކީ މުދާ ބޭލުމަށްފަހު ބުލީޗް ފެނުން ޑިސްއިންފެކްޓް ކުރުމަށެވެ. މި ލަފަޔާއި އެކު ނާލު ބައްތެލިން ނާލު ބާލައިފައި މިގޮތަށް އަމަލު ކުރިއެވެ. މީގެއިތުރުންވެސް ރަށު ޓާސްކް ފޯސްއިން ނާލު ބޭލުމުގައި ހަރުދަނާ އުސޫލުތަކެއް ހަދައި އެގޮތުގައި ކަންކުރިއެވެ. މިވަރަކުން ނާލު އޮޑިއަކުން ކޮވިޑް ދެއްވަދޫ ނެރުން ވަދެގެން ނާދެވޭނެތާއެވެ.
މިވަރުން ބަލައިގެން އުޅުނަސް ހޯމް ކަރަންޓީންގެ އުސޫލު އޮތީ ކައުންސިލުން ކިތަންމެ ހަރުކޮށިކޮށް ބެލިއަސް ސިއްރު ސިއްރުން ކަރަންޓީން ގެތަކަށްވަދެ މީހުން ނުކުމެ އުޅެނީއެވެ. މިކަމުގައި ހައި ރިސްކު ލޯ ރިސްކު ތަފާތެއް ނެތެވެ. ޝަކުވާ ހުޝަހަޅާ މީހާ މިހުންނަނީ ޖެހިގެން ހުންނަ ކަރަންޓީން ގެޔަށްވެސް ވަދެފައެވެ.
ނާލު އޮޑިއެއްގެ ނާލުން ކޮވިޑް ނުފެތުރަނަސް ކަރަންޓީން ގެއަކުން ކޮވިޑް ރަށުތެރެއަށް ފެތުރިގެންނާނެކަން ކަށަވަރެވެ. މިހެން އުޅެނިކޮށް ދެއްވަދޫ ފުރަތަމަ ފަހަރަށް މޮނިޓަރިންގ އަށް ލެވުނީ 07 ޖެނުއަރި 2021ގައެވެ. މޮނިޓަރިން އުވާލީ 1 ފެބްރުވަރި 2021ގައެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް މޮނިޓަރިންގއަށް ލެވުނީ 1 މާރޗް 2021ގައެވެ. މޮނިޓަރިންގް އުވާލީ 05 މާރޗް 2021.މި މުއްދަތުގައި 60މީހުން ކޮވިޑަށް ޕޮޒިޓްވެ 58 ގެޔެއް ކަރަންޓީން ކުރެވުނެވެ.
މުޅިރަށް އެއްކޮށް ލޮކްޑައުން ކޮށްގެން އެޅި ފިޔަވަޅު ތަކުން ރަށުން ކޮވިޑް ފިލައި ގޮސްފިއެވެ. މިމުއްދަތުގައި ގާފު އަތޮޅުގެ ރަށްތަކުގެ ރައްޔިތުން ދެއްވަދޫ ރަށްޔިތުންނަށް ވެދެއްވެވި އެހީއަކީ މުޅި ރާއްޖެއަށްވެސް ނަމޫނާއެކެ. މިކަމަށްޓަކައި އެ ރަށްތަކުގެ ރައްތިތުންނަށް ހިތުގެ އަޑިން ޝުކުރުވެރި ވަމެވެ. ކޮވިޑް ބަލީގައި ދެއްވަދޫއިން ނިޔާވީ އެންމެ މީހެކެވެ. ބަލިއެދުގައި ގިނަދުވަސްތަކެއް ވަންދެން އޮތް ، ގއ.ދެއްވަދޫ އުތުރުގެ ތުއްތު އިބްރާހިމް ނިޔާވީ ކޮވިޑް އަށް ޕޮޒިޓްވެ ގއ.ވިލިގިނލި ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް 9 ފެބްރުވަރި 2021 ގައެވެ. މަތިވެރި ﷲ ތުއްތުބޭގެ ފާފަ ފުއްސަވައި ސުވަރުގެ މިންވަރު ކުރަށްވާށި. އާމީން
ނޯޓް: ބައެއް ކަންކަމަކީ ގިނަދުވަސްވުމުން ހަނދާން ނެތިދާނެކަންކަމެވެ. އެހެނަސް އަދި ކޮވިޑް 19 މަތިން ހަނދާން ނެތޭހާ ދުވަހެއްވެސްނުވޭތާއެވެ. އެކަމަކުވެސް ހަނދާންހުރި މިންވަރަކުން ލިޔެލުމުން ފަހުންވެސް ހަނދާންވެދާނެކަމަށްބަލައި ލިޔެލީއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.