މުޅި ދިވެހިރާއްޖެ ސިއްސުވާލި ނޫސްވެރިޔާ އަޙުމަދު ރިޟްވާން ގެއްލުވާލާފައިވާ މައްސަލާގައި މަރު ކޮމިޝަނުން ހިންގި ތަހުގީގަަށް ފަހު އެކުލަވާލި ރިޕޯޓް، މިއަދުގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވަން ނިންމައިފި އެވެ.

ހުޅުމާލޭގައި ރިލްވާން ދިރިއުޅޭ އެޕާޓްމެންޓުން އޮގަސްޓް 2014 ގައި އޭނާ ރަހީނުކޮށް ކާރަކަށް އަރުވައިގެން ގެންދިޔަ މައްސަލައިގައި ތަހުގީގީ އިދާރާތަކުން ހިންގާ ތަހުގީގަށް 8 އަހަރު ވެއްޖެ އެވެ. މި ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަނުން މައްސަލަ ތަހުގީގު ކުރަން ފެށީ ކުރިން ފުލުހުން އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށްފައި ނުވާތީ އެވެ.

ރިޟްވާންގެ މަރާލި މައްސަލައިގައި ދައުލަތުން ވަނީ ތިން މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ. މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި، މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލް (އަހަނދު) އަދި މާލެ ދަފްތަރު އަހްމަދު މުއާޒު (ގަޓުމުއާ) އަށެވެ. މި ތިން މީހުން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 26 ގައެވެ.
އެމީހުންގެ މައްޗަށް މިދިޔަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ދައުވާ އުފުލި އިރު، ތިން މީހުންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

މަރު ކޮމިޝަންގެ ރިޕޯޓު ރައީސްއަށް އަރުވަން ތައްޔާރު މިވަނީ، މި މައްސަލަތަކުގެ ތަހުގީގު ދިގުލައިގެން ސަރުކާރާއި މަރު ކޮމިޝަނަށް ގިނަަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ. މަރު ކޮމިޝަނުން 25 މަރެއްގެ މައްސަލަ ބަލަމުން އަންނައިރު އޭގެ ތެރޭގައި ރިޟްވާންގެ އިތުރުން ބްލޮގަރ ޔާމީން ރަޝީދު މަރާލި މަައްސަލައާއި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލަވެސް ހިމެނެއެވެ.

އަދި މި ރިޕޯޓް އާއްމު ކުރާނެ ކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ.