ގދ.ތިނަދޫގެ މަގެއްގެ މަތިން މިއަދު ހޯދި ބައި ލައްކައެއްހާ ރުފިޔާ އަމާނާތްތެރިކަމާއެކު އޭގެ ވެރިފަރާތާއި ޙަވާލު ކޮށްފިއެވެ.
ތިނަދޫ ގައި އުޅޭ ބަންގްލަދޭޝް މީހެއް ކަމަށްވާ ނަޒީރް ( ނަޒީރް ބައީ) އަތުން 47500 ރުފިޔާ ގެއްލުން ގޮތް ކިޔައިދެމުން މީގެ އިރުކޮޅެއް ކުރިން އޭނާ ބުނީ އެ ފައިސާ އަކީ މިއަދު މެންދުރު ތިނަދޫ އިބްނަމޯ ރެސްޓޯރެންޓް ގައި ކޮފީއެއް ބޯން ތިއްބާ މީހަކު ޙަވާލު ކުރި ފައިސާ ކަމަށާއި ފައިސާ ލިބުމުން ވަގުތުން ޖީބަށް ލީ ކަމަށާއި އަދި ކުޑަ އިރުކޮޅެއް ފަހުން އެތަނުން ނުކުމެގެން ދިޔައީ ކަމަށެވެ.
"އިބްނަމޯ ރެސްޓޯރެންޓުން ނުކުމެ ސައިކަލަށް އަރައިގެން ދިޔުމުގެ ތެރޭގައި ފަހަތު ޖީބުން ވެއްޓުނީ. ފައިސާ ނެތް ކަން އެނގެނީ ފިހާރަ އަކަށް ވަދެބެލުމުގެ. ދެން ފުލުހުންނަށް ނަޒީރުބާއި މައްސަލަ ޖެއްސީ. ވީ ގޮތް ބަލަން. ވަރަށް ދެރަވެފައި ހުއްޓާ މީހަކު ބުނީ ލާރި ކޮންމެ ވެސް މީހާ އަތުގަ ހުންނަނީ އޭ." ނަޒީރް ކިޔައިދިނެވެ.
ބަންގްލަދޭޝް ނަޒީރް ބުނީ ގެއްލުން ފައިސާ ލިބޭގޮތްވީ އެސްޓީއޯ ގައި ވަޒީފާ އަދާ ކުރާ މުވައްޒަފެއްގެ އެހީގައި ކަމަށާއި ތިނަދޫ އަށް މިއަދު އައި ބީރައްޓެއްސަކު ހިނގާފައި ދަނިކޮށް މަގުމަތީގައި ފައިސާ ބޮނޑިއެއް އޮއްވާ ފެނިގެން ނަގައިގެން ގޮސް އެއީ ކާކުގެ އެއްޗެއް ކަން ނޭނގިގެން އެކި މީހުން ކައިރީގައި ސުވާލު ކުރަމުން ދަނިކޮށް ތިނަދޫ އެސްޓީއޯ ގެ މުވައްޒަފެއް, އެ މީހާ އަށް މައުލޫމާތު ދިނުމުން ކަމަށެވެ.
ނަޒީރު އަތުން ފައިސާ ގެއްލުނީ މިއަދު 11:30 ހާޒިރު އެވެ. ފައިސާ ލިބުނީ މެންދުރު 1:30 ގައެވެ.
ނަޒީރު ބާއީ ބުނީ އޭނަ އަތުން ގެއްލުން ފައިސާ މަގުމަތިން ހޯދީ ކާކު ކަމެއް އަދި ކޮން ރަށެއްގެ މީހެއް ކަމެއް ވެސް އޭނާ އަށް ނޭގޭ ކަމަށެވެ. އެސްޓީއޯ އިން ވާހަކަ ދެއްކި މީހަކު ވެސް ބުނީ އެމީހުންނަށް ވެސް އެއީ ކާކު ކަމެއް ނޭގޭ ކަމަށާއި އަދި އެމީހާ ވެސް އެ އީ ކާކު ކަން އަންގަން ވެސް ބޭނުންނުވާ ކަމަށެވެ. ނަމަވެސް ފައިސާގެ ވެރިފަރާތަށް ރައްދު ކޮށްދިނުމަށް މެސެޖެއް ދިން ކަމަށާއި އެ މެސެޖް ބަންގްލަދޭޝް މުހައްމަދު ނަޒީރުއަށް ފައިސާ އާއި އެކު ރައްދު ކުރި ކަމަށް އެސްޓީއޯ އިން ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.