މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲގެ ކަރު ބުރިކޮށްލައި ކަނޑު ފައްތާފައިވާ ކަމަށާއި، އެކަން ކުރި މީހުންގެ ތެރެއިން ބަޔަކު ފިލައިގެން ސީރިޔާއަށް ގޮސްފައިވާ ކަމަށް، މަރާލެވޭ އަދި ގެއްލުވާލާ މީހުންގެ މައްސަަލަ ތަހުގީގު ކުރާ "މަރު ކޮމިޝަނުން" ބުނެފި އެވެ. އެ ކޮމިޝަނުން މިހެން ބުނެފައި ވަނީ މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މަރުކޮމިޝަނުގެ ނައިބުރައީސާ ފަރީޝާ އަބްދުﷲ ވިދާޅުވީ އޮގަސްޓު 7، 2014 ވަނަ ދުވަހުގެ ރޭ ގެއްލުވާލި ރިޟުވާންގެ ކަރު ބުރިކޮށް ކަނޑު ފައްތައިލީ ދީނީގޮތުން ހަރުކަށި ފިކުރުގެ ބައެއް ކަމަށެވެ. ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން ރިޟުވާން މަރާލީ އިންޒާރުތަކަކަށް ފަހު އެވެ. ހަރުކަށި ފިކުރުގެ ފަރާތްތަކުން އޭނާއަށް ފާރަލާން ފެށީ ޓުވިޓާގައި ފާޅުކުރާ ހިޔާލުތަކާއި މިނިވަން ނޫހުގައި ޝާއިއު ކުރާ ލިޔުންތަކާ ގުޅިގެން ކަމަށް މަރު ކޮމިޝަނުން މިއަދުވެސް ބުނެފައިވެއެވެ. ކޮމިޝަނުން މިއަދު އާއްމުކުރި މައުލޫމާތުތަކުގައި ހާމަކޮށްފައިވާ ގޮތުގައި، ރަތްކުލައިގެ ކާރެއްގައި ގަދަކަމުން ގެންގޮސް ރިޟުވާން އެރުވީ ޑިންގީއަކަށް އަރުވައިގެން ގެންގޮސް އެކަމަށް ހޯދި ކަންނެލި އޮޑިއެއްގަ، ކަލިމަލައިދީ ކަރުބުރިކޮށްލައި މަރާލުމަށް ފަހު ވަނީ ކަނޑުފައްތާފައެވެ. އަދި އޭގެ ފަހުން ހެކި ފޮރުވަން އެ އޮޑީގައި އެތައް ފަހަރަކު ފައިބަރު އާކުރުން ފަދަ ކަންތައް ކޮށްފައިވާ ކަމަށް ކޮމިޝަންގެ މެމްބަރު މިސްބާހް އަބްދުﷲ ވިދާޅުވި އެވެ. ރިލްވާން މަރާލީ އެކި ފަހަރުމަތިން ފާރަލައި ދުރާލައި ރާވައިގެން ކަމަށާއި މަރާލުމަށް ފަހު ބައެއް މީހުންނަށް އިންޒާރުދެމުން, "ރިލްވާނަށް ހެދި ގޮތް ހަދާލާނެ" ކަމަށް ބުނެފައިވާ ކަން ތަހުގީގަށް ސާފުވި ކަމަށް ރިޕޯޓުގައި ވެއެވެ. މީގެ އިތުރުން ދެން ފާހަގަކުރި ގޮތުގައި އެއޮޑީގައި ތިބިމީހުންގެ ތެރެއިން ހަމީހުން ވަނީ ރާއްޖެ ދޫކޮށް ސީރިއާއަށް ގޮސްފައެވެ. އޭގެތެރެއިން ތ. އޮމަދު ނަރުގިސްވިލާ، މުހައްމަދު މުނާޒް ފިޔަވައި އެންމެން ސީރިޔާއަށް ފުރީ 2014 ވަނަ އަހަރުއެވެ. މުހައްމަދު މުނާޒު ސީރިއާއަށް ފުރީ 2017 ވަނަ އަހަރުގައެވެ.
ސީރިއާއަށް ދިޔަ ހަ މީހުން
- ހ. ހިލްޓަން އަޒްލިފް ރައޫފް
- ސ. މީދޫ, އިރާކް, މުހައްމަދު ހާމިދު
- ސ. ހުޅުދޫ, އަތިރިއާގެ, މުހައްމަދު ސުއައިދު
- ޏ. ފުވައްމުލައް ދަނޑިމަގު, ދަނޑު ފީށި އިސްމާއިލް ސަބީހް
- ހއ. ދިއްދޫ ސޯސަނީގެ, އިބްރާހިމް ސޮލާހް
- ތ. އޮމަދޫ ނަރުގިސްވިލާ, މުހައްމަދު މުނާޒް
މި މީހުން ސީރިއާއަށް ގޮސް ހަނގުރާމައިގައި މަރުވެފައިވާ ކަމަށް ބުންޏަސް ރަސްމީ އެއްވެސް އިދާރާއަކުން އެކަން ކަށަވަރެއް ނުކުރެވޭ ކަމަށް މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވި އެވެ. މި 6 މީހުންގެ އިތުރުން ރިޟްވާނުގެ މަރުގެ ތުހުމަތަށް ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އަނެއް 3 މީހުންނަކީ:
- އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ)/މ. ލެގޫން
- އަހްމަދު އިސްމާއިލް/މއ. ފާގަފިލާގެ
- އަހްމަދު މުއާޒް







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.