ރޭ މެންދަމު 12:30 ހާއިރު، ވިލިމާލެ ބްރިޖްގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ ގުޅިފަޅުގެ އެކޮމޮޑޭޝަން ބްލޮކުގައި  އަލިފާން ރޯވި ހާދިސާގައި، އެ އެކޮމޮޑޭޝަން ބްލޮކުގައި ދިރިއުޅެމުން ދިޔަ 465 މީހުންގެ ތެރެއިން، އެކިވަރުގެ އަނިޔާތައް ލިބިގެން 70އަށް ވުރެ ގިނަ މީހުންނަށް ވަނީ ފަރުވާދޭން ޖެހިފައެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މެންދަމު 12:30 ގައި އަލިފާން ރޯވިކަމުގެ ހަބަރު ލިބުމާއެކު އަލިފާންނިއްވުމަށް ފަޔަރމަނުން ގުޅީފަޅަށް ދިޔައެވެ. އަދި އެވަގުތުން ފެށިގެން މަސައްކަތް ކޮށްގެން މެންދަމުން އަލިވެ 1:52ހާ އިރު އަލިފާން ވަނީ ނިވާލެވިފައެވެ. އެހެންނަމަވެސް އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އަލިފާނުގެ މިހާދިސާގައި އެބްލޮކު ވަނީ އެއްކޮށް އަނދައިހުލިވެފައެވެ. އަދި ސަރުކާރުން މިވަނީ ހާލުގައި ޖެހުނު މީހުންނަށް، ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.

އެތަނުގައި އަލިފާން ރޯވާން ދިމާވި ގޮތެއް ނޭނގެ އެވެ. އެމްއެންޑިއެފްގެ ފަޔާމަނުން އެތަނަށް ގޮސް ކުރި މަސައްކަތުން ގަޑިއެއްހާއިރުގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލްކުރި ނަމަވެސް އޭރު މުޅި އެކޮމޮޑޭޝަން ބްލޮކް އަނދާއި ހުލިވެފައިވާ ކަމަށް އެމްއެމްޑިއެފުން ބުނެ އެވެ.ރޭ ގުޅީފަޅުގައި އަލިފާނުގެ ހާދިސާ ހިނގުމާއެކުހެން، ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް، ފަރުވާ ދިނުމަށް މީހުން ގެންދެވުނެވެ.

ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިނުމާ ގުޅިގެން ޕްލޭނިން މިނިސްޓްރީން ބުނީ ހުޅުމާލެ އާއި ގުޅީފަޅުގައި އެ ކޮންޓްރެކްޓަރުގެ އިތުރު އެކޮމޮޑޭޝަންތަކެއް އެބަ ހުރި ކަމަށެވެ. އެތަންތަނުން އެމީހުންނަށް އެކޮމޮޑޭޝަން ހަމަޖައްސަމުން އަންނައިރު އެޗްޑީސީގެ އެހީގައި ގުޅީފަޅުން ވެސް އިތުރު ތަނެއް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިދިޔަ މަހު 9 ވަނަ ދުވަހުގެ ރޭ، މާލޭގަވެސް ގިނަ އަދަދަކަށް އިންޑިޔާ މީހުން އުޅުނު ތަނެއްގައި ރޯވި އެވެ. މާފަންނު ނިރުފެހިގޭގެ ތިރީގައި ހަދާފައި ހުރި ގަރާޖެއްގައި ރޯވި އެ ހާދިސާގައި އެތަނުގެ މަތީގައި ހުރި އެކޮމޮޑޭޝަނެއްގައި ރޯވެ 10 މީހަކު މަރުވި އެވެ. އޭގެ ތެރޭގައި އިންޑިއާގެ އަށް މީހަކާއި ބަންގްލާދޭޝް ދެ މީހަކު ހިމެނެ އެވެ.