މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރި އަދަދަށް ފަތުރުވެރިންގެ އަދަދު ހަމަވެ، 1.6 މިލިއަން ވަނަ ފަތުރުވެރިޔާށް ވަރަށްވެސް ހޫނު މަރުހަބާއެއް މިއަދު ކިޔައިފި އެވެ. 1.6 މިލިއަން ވަނަ ފަތުރުވެރިއަކަށް ހޮވުނީ، މިއަދު މެންދުރު ޖެއްސި އިންޑިގޯ ފްލައިޓުގައި މުމްބާއީން އައި އިންޑިއާގެ ތެޖާސް ސަންޖޭ ކޮތާރީ އެވެ. އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ބޮޑުބެރުގެ ހަރަކާތްތަކާއެކު މަރުހަބާ ކިޔާފަ އެވެ.
ރާއްޖޭގެ 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް ވުމުން ތެޖަސް އަށް ވަނީ ލަކްސް އަރި އެރޯލް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިފަ އެވެ.
ރާއްޖެ އަށް 1.6 މިލިއަން ވަނަ 'ޓޫރިސްޓުމީހާ'، ފަތުރުވެރިޔާ އައުން ފާހަގަކުރުމަށް އެމްއެމްޕީއާރުސީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހަފުލާގައި ތެޖަސް ބުނީ، ފުރަތަމަ ދަތުރުން މިހާ ބޮޑު ޝަރަފެއް ލިބޭނެ ކަމަށް އެއްގޮތަކަށް ވެސް ހީ ނުކުރާކަމަށާއި މިގޮތަށް މިކަންވުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.
އޭނާ ބުނިގޮތުގައި ހަނީމޫނަށް ރާއްޖެ އިހުތިޔާރު ކުރީ، ރާއްޖޭގެ ރީތިކަން ފެނިފަ އެވެ. އަދި ރާއްޖެއަކީ އިންޑިޔާގެ ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކުން ވެސް ވަރަށް ގިނައިން އަންނަ ގައުމަކަށް ވާތީ، އަންނަން ބޭނުންވީ ކަމަށާއި ރާއްޖޭގެ ރީތިކަން ތަޖުރިބާ ކުރަން ކެތްމަދުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާގެ އަންހެނުންނާ އެކު ހަނީމޫން ހޭދަކުރާނީ އެމަރާލްޑް ފާރުފުށި ރިސޯޓުގައެވެ. އެ ރިސޯޓުގައި ހަތަރު ދުވަސް ހޭދަކުރާނެ އެވެ.
މިއަހަރު ރާއްޖެ އައި 1.6 މިލިއަން ވަނަ ޓޫރިސްޓަށް އެއާޕޯޓުން މަރުހަބާ ކިޔަނީ. ފޮޓޯ: އެމްއެމްޕީއާރުސީ މިއަހަރު ރާއްޖެ އައި 1.6 މިލިއަން ވަނަ ޓޫރިސްޓަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެއާޕޯޓުން ހަދިޔާއެއް ދެއްވަނީ. ފޮޓޯ: އެމްއެމްޕީއާރުސީ މިއަހަރު ރާއްޖެ އައި 1.6 މިލިއަން ވަނަ ޓޫރިސްޓަށް ނައިބު ރައީސް ފައިސަލް ނަސީމް އެއާޕޯޓުން ހަދިޔާއެއް ދެއްވަނީ. ފޮޓޯ: އެމްއެމްޕީއާރުސީީ
އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެކެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 220،000 ޓޫރިސްޓުން އައިސްފައި ވެއެވެ. ދެވަނަ އަށް ހިމެނެނީ ރަޝިއާ އާއި އިނގިރޭސި ވިލާތެވެ.
މިދިޔަ އަހަރު ރާއްޖެ އިން ވަނީ ލަފާކުރި ތާރީހަށް ވުރެ ދެ މަސް ކުރިން ސަރުކާރުން ކަނޑައެޅި 1.3 މިލިއަން ޓޫރިސްޓް ގެނައުމުގެ އަމާޒު ވާސިލުވެފަ އެވެ. މި އަހަރު ރާއްޖެ އަށް 1.6 މިލިއަން ޓޫރިސްޓުން އައުމުން މިއީ 23 ޕަސެންޓުގެ ކުރިއެރުމެކެވެ. އަންނަ އަހަރު ސަރުކާރުގެ އަމާޒަކީ 1.8 މިލިއަން ޓޫރިސްޓުން ގެނައުމެެވެ.
1.6 މިލިއަން ވަނަ ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ، މޯލްޑިވްސް އިމިގްރޭޝަން އަދި އެމްއޭސީއެލްގެ އިސް ބޭފުޅުން އެއާޕޯޓުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވި އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.