ބިމު ކުލީގެ ގޮތުގައި އަކަފޫޓަކަށް މަހަކު އެންމެ ލާރިއެއް ދައްކާ ގޮތަށް ފިޔޯރީ ދަނޑުވެރިންނަށް 5000 އަކަފޫޓު އިތުރު 25 ބިން ގދ ފިޔޯރީ ކައުންސިލުން ދޫކޮށްފިއެވެ.
ދަނޑުބިން ތަކަށް އެދިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލުމަށް މިއަދު ފިޔޯރީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތަށް ފަހު "ހުވަދޫ" ނޫހަށް މައުލޫމާތު ދެއްވަމުން ފިޔޯރީ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ ފިޔޯރީ އަކީ ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރުމަށް މަސައްކަތް ކުރާ ހީވާގި ރައްޔިތުން ތަކެއް ދިރިއުޅޭ ރަށެއް ކަމުން އެ މީހުންނަށް ބޭނުންވާ ކަންކަން ލުއި ކޮށް ވޭތޯ އަބަދުވެސް ކައުންސިލުން ބަލާ ކަމަށާއި އެ ގޮތުން މިހާރު ދޫކުރާ ބިން ތަކުން ކުލި ދައްކަން ފަށާނީ އެސް އެގްރިމެންޓް ހަދާތާ 3 މަސް ފަހުން ކަމަށެވެ.
ރައީސް ފައިޒަރު އިތުރަށް ވިދާޅުވީ މީގެ ކުރިން ދޫކޮއްފައިވާ ދަނޑުބިންތަކުން ކުލި ނުނަގާ ކަމަށާއި މިހާރު ކުޑަ އަގެއް ނެގުމަށް ހަމަޖެއްސި ބިންތައް ބޭނުން ކުރުމުގައި އިތުރު ހަރުދަނާ އުސޫލަކުން ބެލެހެއްޓުމާއި ކައުންސިލަށްވެސް ކޮންމެވެސް ވަރެއްގެ އާމްދަނީ އެއް އިތުރު ކުރުމުގެ މަގުސަދުގައި ކަމަށެވެ.
ފިޔޯރީއިން މިފަހަރު ދަނޑުވެރިންނަށް އިތުރު ބިން ދޫކުރުމަށް ހުޅުވާލުމުން 30 ފަރާތަކުން ވަނީ ބިމަށް އެދި ހުށަހަޅާފައެވެ.
ގދ ފިޔޯރީ ގައި މިހާރުވެސް 5000 އަކަފޫޓުގެ 80 ބިމެއްގައި ދަނޑުވެރިކަން ކޮށް އެކަށީގެންވާ ނަފާއެއް ހޯދައެވެ. އެ ދަނޑު ތަކުގައި ރާއްޖޭގައި އާއްމުކޮށް ހައްދާ ހުރިހާ ބާވަތެއްގެ ތަރުކާރީ, މޭވާ އަދި ފަލަމަޑީ ހުރިހާ ބާވަތެއް ހައްދައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.