ފަތުރުވެރިން ތިބި ލޯންޗެއް ގިރިފުށި ކައިރިއަށް ފެތި، އަޑިއަށް ހިނގައްޖެއެވެ.
ސޯޝަލް މީޑިއާގައި ލޯންޗު ފެތޭ މަންޒަރު ފެންނަ ވީޑިއޯ އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، އެ ލޯންޗުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ތިއްބެވެ. އަދި، ލޯންޗު ފެތުނު ވަގުތު ކައިރީގައި އޮތް ދޯންޏަކަށް ފަތުރުވެރިން ދިޔައީ އަރުވަމުންނެވެ. ލޯންޗުގައި ކުޑަކުދިންވެސް ތިއްބެވެ.
ދޯންޏަށް އެންމެން އެރުވިތާ އިރުކޮޅެއްތެރޭ ފެތެމުން ދިޔަ ލޯންޗު ވަނީ އަޑިއަށްގޮސްފައެވެ.
މި ހާދިސާއާ ގުޅޭ މައުލޫމާތެއް ރަސްމީ އިދާރާއަކުން އަދި ހާމައެއްނުކުރެއެވެ.
މިދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދުވެސް ވަނީ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން މިރޭ 11 ޖެހުމާ ހަމައަށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވެއެވެ.
ހުދު ސަމާލު ނެރެފައިވާ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުރުރައި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވުމާއެކު ކަނޑުދަތުރުކުރާއިރު ސަމާލުވުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.