1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާލޭގެ ނީލަން ފިހާރައިގައި ރޯވެ ސަރަހައްދަށްވެސް އަސަރު

354259_3_4c397c15801a33471e00e54678242a6d314bd8de_large
މުހައްމަދު އަޚްތަރު
289ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭގެ ނީލަން ފިހާރައިގައި ވަރަށް ބޮޑަށް ރޯވެ މުޅި ސަރަހައްދަށް އޭގެ އަސަރު ކުރަމުން އެބަދެއެވެ.

ދެ ފަޅިން ބޮޑު ސަރަހައްދެއް ނިއްވާލާފައިވާ އިރު މެދުތެރެއިން އަދިވެސް އަނދަމުން އެބަދެ އެވެ.

ސަލާމަތީ ބާރުތަކުން ބުނާ ގޮތުން، މިއަދު ހެނދުނު 5:30 އެހާކަންހާއިރު އަލިފާން ރޯވީ ނީލަން ފިހާރައިގެ އުތުރުފަޅި (ޢިމާދުއްދީން ސްކޫލާ ދިމާ) ގައެވެ. އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަމުން އަންނަ އިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އަލިފާން ނިއްވާ ލޮރީވެސް އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

300 × 250

އެމްއެންޑީއެފުން ދާދި ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އަލިފާންގަނޑުގެ 70 ޕަސެންޓް ކޮންޓްރޯލް ކުރެވިއްޖެ ކަމަށެވެ. އެގޮތުން ދެފަޅިން ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި ނަމަވެސް މެދުތެރޭގައި ރޯވެފައިވާ އަލިފާންގަނޑު އަދި ނިއްވާ ނުލެވޭ ކަމަށެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ނީލަން ފިހާރައަކީ ލަކުޑި ފަދަ، ފަސޭހައިން އަލިފާން ހިފާ ގިނަ ބާވަތެއްގެ ސާމާނު ހުންނަ ތަނެއް ކަމުން އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ވަރަށް ހަލުވިކޮށް ފެތުރުނެވެ. ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ނީލަން ފިހާރަ ސަރަހައްދުގައި ދިރިއުޅޭ އާންމުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އާންމުން އެ ސަރަހައްދަށް ނުދިއުމަށް އިލްތިމާސްކުރާ ކަމަށާއި ދުމުގެ އަސަރުކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ދުމުން ރައްކާތެރިވުމުގެ ގޮތުން އެކަށީގެންވާ މާސްކު އެޅުމަށް ދަންނަވާ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާއާ ގުޅިގެން ވިލާ ކޮލެޖާއި ސްޓެލްކޯއާ ދެމެދުގެ ގިނަ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބައެއް މީހުން ތުހުމަތުކުރަނީ ނީލަން ފިހާރައިގައި ބަޔަކު ނުވަތަ މީހަކު ރޯކޮށްލީ ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގުމާއެކު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ އެކަމާ ގުޅޭ ޓުވީޓެއް ކުރައްވައިފައެވެ. މިއަދު ހެނދުނު ސީޕީ ހަމީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފަހަކަށް އައިސް މާލެ އާއި އަތޮޅުތެރޭގައި ހިނގި އަލިފާނުގެ ހާދިސާތަކުގެ ބޮޑު ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށާއި އެކަމަށް އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ނީލަން ފިހާރަ ސަރަހައްދަކީ މޯލްޑިވް ގޭހާއި ވިލާ ގޭސްގެ އިމާރާތް ވެސް ހުންނަ ސަރަހައްދެވެ. އެ ސަރަހައްދުގައި އެފްއެސްއެމްގެ ޕެޑްރޯލް ޝެޑެއް ވެސް ހުރެއެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން އިމާދުއްދީން ސްކޫލުގެ ހެނދުނު ދަންފަޅީގެ ކިޔެވުން މިއަދު ކުރިއަށް ނުގެންދާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފައެވެ. އޭގެ އިތުރުން އިއްޒުއްދީން ސްކޫލުގެ ހެނދުނު ދަންފަޅި ފެށޭ ގަޑި ވަނީ ފަސްކޮށްފައެވެ. ހާލަތަށް ބަދަލެއް އަތުވެއްޖެ ނަމަ، ބެލެނިވެރިންނަށް އަންގަމުންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު ފެތުރި، ސިޓީ ކައުންސިލުގެ ލޭބާ ކުއާޓަރުގައި ވެސް ވަނީ އަލިފާން ހިފައިފައެވެ. އެތަނުގައި ދިރިއުޅެމުންދިޔަ ބިދޭސީން ވަނީ ވަގުތީ ގޮތުން އިމާދުއްދީން ސްކޫލަށް ގެންގޮސްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި