އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓް ނުވަތަ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުންތަކެއް އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް އެކުަލވާލާ މި އެއްބަސްވުންތަކުގެ މަސައްކަތް ކުރިއަށް ގެންދާއިރު، ސަރުކާރުގެ އުންމީދަކީ އަދި މިހާރު މަސައްކަތް ކުރަމުންދާ އަމާޒަކީ އެއަރ ސަރވިސް އެގްރީމެންޓުތަކުގެ ތެރެއިން ރާއްޖެއަށް ލިބޭ ޓްރެފިކް ރައިޓްސްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާ ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުގައި އަމީން އިތުރަށް ވިދާޅުވި، ސަރުކާރުގެ އުންމީދަކީ އަދި މިހާރު މަސައްކަތް ކުރަމުންދާ އަމާޒަކީ އެއަރ ސަރވިސް އެގްރީމެންޓުތަކުގެ ތެރެއިން ރާއްޖެއަށް ލިބޭ ޓްރެފިކް ރައިޓްސްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ކަމަށެވެ. އަދި މީގެކުރިން އެކި ސަބަބުތަކާ ހުރެ މިކަން ނުކުރެވި އޮތް ނަމަވެސް، މިހާރު މަސައްކަތް ކުރަމުންދަނީ އެކަންކަން ހާސިލުކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެކަމުގައި މިހާރު ކުރިއަށްދާ މަސައްކަތަކުގެ އަދާހަމަ ދެއްވަމުން އަމީން ވިދާޅުވީ، އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. މިއީ ބޮޑެތި މަސައްކަތްތަކަކަށްވާތީ ވަގުތު ނަގާނެ ކަމަށާއި، އެހެންނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި މާލަސްތަކެއްނުވެ މި އެއްބަސްވުންތަކުގެ ނަތީޖާ ފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.