މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ސިވިލް ސާވިސް މުވައްޒަފުންނަށް، ފިނޭންސް އެލަވަންސް ނުވަތަ ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި ދޭން ޖެހޭ މުސާރައިގެ 35 ޕަސެންޓު ނުދޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
'ނައިބުތުއްތު' ނަމަކަށް ކިޔާ ޓްވީޓާ އެކައުންޓަކުން ބުނެފައިވަނީ ހެރިޓޭޖް މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންނަށް އެ އެލަވަންސް ނުލިބިގެން ކަމާ ބެހޭ އިދާރާތުގައި އެތަކެއް ފަހަރަކު އެދިފައިވާ ކަމަށެވެ، އެހެންނަމަވެސް އެ އެލަވެންސް ދީފައި ނުވާކަމަށާއި އެ މިނިސްޓްރީން މުވައްޒަފުންގެ މެދުގައި ބޮޑެތި ތަފާތުކުރުންތައް ގެންގުޅޭކަމަށެވެ.
އަދި ބޮޑު މުސާރަދީފައި، ހަމައެކަނި ނަމަކަށް ތިބޭ ބައެއްގެ ގޮތުގައި، ސިޔާސީ މަގާމުތައް އުފައްދާކަމަށެވެ. އެމީހުންގެ މަސައްކަތާވެސް އެކު ހުރިހާ މަސައްކަތެއްހެން ކުރަނީ ސިވިލް ސާވިސް މުވައްޒަފުންކަމަށްވެސް އޭގަ ބުނެފައިވެއެވެ.
"ދިޔަރެސް" ނޫހުގައި، އެ ނޫހުން، މިނިސްޓްރީ އޮފް އާޓްސް އިން މިކަމާބެހޭ ގޮތުން ހެރިޓޭޖް މިނިސްޓަރީއާ ކުރި ސުވާލަށް އެ މިނިސްޓްރީގެ މީޑިޔާ އޮފިޝަލު ވިދާޅުވީ، އެ އެލަވަންސް މުވައްޒަފުންނަށް ހޯދައިދިނުމަށް ފިނޭންސް މިނިސްޓްރީ އާއި ރައީސް އޮފީހާ އެކީގައިވެސް ވަރަށް ބައިވަރު މަޝްވަރާތައް އެ މިނިސްޓްރީން ކޮށްފައިވާނެކަމަށާއި އެކަން ކޮށްދިނުމަށް މިނިސްޓަރުވެސް އަދި ސްޓޭޓް މިނިސްޓަރާއި މިނިސްޓްރީގެ އިސް ބޭފުޅުންވެސް ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދިވެސް އިތުރަށް، މިއީ ސިވިސް ސާވިސްގެ މުސާރައާ ގުޅޭ ކަމެއްވީމައި މިކަމުގެ ރަސްމީ ޖަވާބެއް ދެވޭނީ ފިނޭންސް މިނިސްޓްރީން ނުވަތަ ޕޭކޮމިޝަނުންކަމަށް އޮފިޝަލް ވިދާޅުވިކަމަށް އެނޫހުގައި ހާމަކޮށްފައިވެއެވެ.
އަދި ހަމައެހެންމެ މުވައްޒަފުންނަށް މުސާރައިގެ ސްޕެޝަލް ޑިއުޓީ އެލޮވެންސް ހޯދައި ދިނުމަށް އެ މިނިސްޓްރީން ވަރަށް މަސައްކަތް ކުރިކަމަށާއި މުވައްޒަފުންނަށް ލިބެން ޖެހޭ ހައްގުތައް ހޯދައިދިނުމަށް އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރާނެކަމަށްވެސް އޮފިޝަލު ވިދާޅުވެފައިވާ ކަމަށް އެ ނޫހުގައި ބަޔާންކޮށްފައި ވެއެވެ.
ސިޔާސީ މަގާމުތަކަށް މުސާރަ ދިނުމަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް އެތައް މިލިއަނެއް ޚަރަދުކުރާއިރު މި ސަރުކާރު އައި ފަހުން 1000 އަށް ވުރެ ގިނަ ސިޔާސީ މަގާމު އުފައްދާފައިވާކަން ވެސް ފާހަގަކުރެވެއެވެ. ހަމައެކަނި ހެރިޓޭޖް މިނިސްޓްރީން ވެސް 25 ސިޔާސީ މަގާމު އުފައްދާފައިވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.