ގއ ވިލިނގިލީ ދާއިރާގެ މެމްބަރަށް ގއ އަތޮޅު ހޮސްޕިޓާ ކުރިމަތިން ގޯތި ދީފައިވަނީ ގާނޫނު އަސާސީގައި ބުނާ 'ހަމަހަމަ އުސޫލުގެ ހައްގާ ހިލާފަށް' ކަމަށް ސުޕްރީމް ކޯޓުންވެސް ކަނޑައަޅައިފިއެވެ. ސުޕްރީމް ކޯޓުން ކަނޑައަޅާފައި މިވަނީ ގއ. ވިލިނގިލީ ކައުންސިލުން، ވިލިނގިލި ދާއިރާގެ މެމްބަރު، ވިލިނގިލީ/ އަޅި ވިލާގެ ސައުދު ހުސެއިންއަށް ގއ. އަތޮޅު ހޮސްޕިޓާ ކުރިމަތީ އޮންނަ ބިމުން ގޯތި ދީފައިވަނީ ގާނޫނުއަސާސީގައި ބުނާ ހަމަހަމަ އުސޫލުގެ ހައްގާ ހިލާފަށް ކަމަށެވެ. ގއ ވިލިނގިލި ދާއިރާގެ މެމްބަރު، ވިލިނގިލީ/ އަޅި ވިލާގެ ސައުދު ހުސެއިންގެ އިތުރުން، އެރަށު ހަނދުވަރީއާގެ، ޝީޒާ މޫސާއަށް ދޫކޮށްފައިވާ ގޯތި ދައުލަތުގެ ބޭނުމަކަށް ދީފައިވުމުން އެގޯތީގެ ބަދަލުގައި އަތޮޅު ހޮސްޕިޓާ ކުރިމަތީ ހުސްބިމުން ގޯއްޗެއް ލިބޭނެ ގޮތް ހަދައިދިނުމަށް ދެމީހުންވެސް އޮތީ ހުށަހަޅާފައެވެ. މައްސަލަ ޖެހެން މެދުވެރިވި ސަބަބަކީ ސައުދަށްވުރެ ކުރިން އެބިމުން ގޯތި ހޯދުމަށް، 17 މެއި 2015 ގައި ޝީޒާ ހުށަހަޅާފައި ވަނިކޮށް ޝީޒާއަށް ގޯތި ނުދީ 24 މެއި 2015 ގައި އަދި 25 މެއި 2015 ގައި ސައުދު ހުށަހެޅި ސިޓީއަށް އަމަލުކޮށް ސައުދަށް އެކަނި ގޯތި ދިނުމުންނެވެ. 24 މެއި 2015 ގައި ސައުދު ފުރަތަމަ ސިޓީ ހުށަހަޅާފައިވާއިރު، 25 މެއިގައި އިތުރު ސިޓީއެއް ކައުންސިލަށް ހުށަހެޅިއެވެ. އޭގައި ވަނީ ސަވާ ގޯތީގެ އިތުމަރީ ފަރާތުގައިވާ ހުސް ބިން (ޝީޒާ އެދިފައިވާ ސަރަހައްދު) އިން ގޯތި ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ.
އެ ދެ ފަރާތުންވެސް ގޯއްޗަށް އެދިފައިވަނީ ވިޔަފާރީގެ ބޭނުންތަކަށް ދޫކުރުމަށް ކައުންސިލުން ފާސްކޮށް، ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅައި އެ ރަށުގެ ލޭންޑްޔޫސް ޕްލޭންގައިވެސް ހިމަނާފައިވާ ބިމަކަށެވެ.
ސައުދު އެދިފައިވާ ގޮތަށް އެ ބިމުން އޭނާއަށް ގޯއްޗެއް ދިނުމަށް އެދި، ކައުންސިލްގެ ބިމާބެހޭ ކޮމިޓީންވެސް ނިންމައި ކައުންސިލަށް ހުށަހަޅައި 7 ޖުލައި 2015 ގައި ބޭއްވި ކައުންސިލް ބައްދަލުވުމުން އެކަން އެގޮތަށް ކުރިއަށް ގެންދަން ފާސްކޮށް، ބިމާބެހޭ ގޮތުން ކައުންސިލުން ކުރިން ނިންމާފައިވާ ނިންމުންތައް ކެންސަލް ކުރުމަށްވެސް ފާސްކުރިއެވެ. އެއާއެކު ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅައިގެން އެ ބިމުން ގޯއްޗެއްގެ މިން ވަކިކޮށް ދެން އޮތްބައި ވިޔަފާރީގެ ބޭނުންތަކަށް ދޫކުރުމަށް ކަނޑައަޅައި ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައެވެ.
ނަމަވެސް ގޯއްޗަށް އެދި ޝީޒާގެ ފަރާތުން ކައުންސިލަށް ފޮނުވި ސިޓީއާ ގުޅިގެން 26 އޯގަސްޓް 2015 ގައި ކައުންސިލުގެ ޖަވާބުގައި އޭނާ ގޯތި ހަމަޖައްސައިދިނުމަށް އެދި ހުށަހެޅި ބިމުން (50 ފޫޓު 100 ފޫޓު) ގޯއްޗެއް ދެވެން ނެތް ކަމަށާއި ރަށުގައި ހުސްބިންތައް ހުރުމުން ޝީޒާ ބޭނުންވާ ނަމަ އެއިން ތަނަކުން ގޯތި ހަމަޖައްސައި ދެވިދާނެ ކަމަށްވެސް ޖަވާބުގައިވެއެވެ.
ދެން ކައުންސިލްގައި ޝީޒާ އެދުނީ އެބިމުން ދެވެން އޮތް ވަރަކުން އޭނާއަށް ގޯއްޗެއް ދިނުމަށެވެ. ނަމަވެސް ކައުންސިލުން ދިން ޖަވާބުގައި ބުނެފައި ވަނީ އެ ބިމުން އެހެން މީހަކަށް ގޯއްޗެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ކައުންސިލުގެ ޖަވާބާ ގުޅިގެން ޝީޒާގެ ފަރާތުން ގއ.ވިލިގިނލީ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ 1 ނޮވެމްބަރު 2015 ގައި ހުށަހެޅިއެވެ. އެ މައްސަލައިގައި ޝީޒާ ބުނެފައި ވަނީ، އޭނާއަށް ދިން ބަންޑާރަ ގޯތި ފެން ޕުލާންޓް އެޅުމަށް ނަގާފައިވާއިރު، ބަދަލުގައި ހޮސްޕިޓަލް ކުރިމަތީގައި އޮތް ހުސްބިމުން ގޯއްޗަކަށް އެދިފައިވަނިކޮށް، އޭނާއަށް ގޯތި ނުދީ، ގާނޫނުއަސާސީއާ ހިލާފަށް އޭނާއަށް ވުރެ ފަހުން ގޯއްޗަކަށް އެދުނު ސައުދަށް ގޯތި ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ނިންމުން ބާތިލުކޮށްދީ އެ ތަނުން ގޯއްޗެއް ހަމަޖައްސައި ދިނުމަށްވެސް އެދިފައިވެއެވެ.
މި މައްސަލައިގައި 5 ނޮވެމްބަރު 2017 ގައި މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ވަނީ، ހޮސްޕިޓަލް ކުރިމަތީގައި އޮންނަ ބިމުން، ސައުދަށް ގޯއްޗެއް ދިނުމަށް ކައުންސިލުން ނިންމި ނިންމުމާއި އެކަމާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއެއް ހައްދާ ދެވިފައިވާ ނަމަ އެ ރަޖިސްޓްރީއަކީ ބާތިލު ރަޖިސްޓްރީއެއް ކަމަށް ކަނޑަައަޅާ ކަމަށެވެ.
އަދި އެ ބިމުން ދިރިއުޅުމަށްޓަކައި ގޯއްޗެއް ދިނުމަށް ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނަސް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ދީފައިވާ ހުއްދައަކީ ބާތިލު ހުއްދައެއް ކަމަށް ކަނޑައަޅައި، މީގެ ފަހުން އެ ބިމަކީ ރަށުގެ އާއްމު މަންފާއަށް ބޭނުންކުރުމަށް ބޭއްވޭ ބިމެއް ކަމަށާއި އެ ބިން އެއްވެސް ފަރާތަކަށް، ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއްގެ ގޮތުގައި ނުދިނުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގާ އަމުރުކުރާ ކަމަށްވެސް ހުކުމުގައިވެއެވެ.
މި ހުކުމާ މެދު ހިތްހަމަނުޖެހިގެން ސައުދުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މި މައްސަލައިގައި 23 މާޗު 2021 ގައި ހައިކޯޓުން ހުކުމް ކުރިއެވެ. އެހުކުމުގައި މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމުގައިވާ "މީގެ ފަހުން އެ ބިމަކީ ރަށުގެ އާއްމު މަންފާއަށް ބޭނުން ކުރުމަށް ބޭއްވޭ ބިމެއް ކަމަށާއި އެ ބިން އެއްވެސް ފަރާތަކަށް، ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއްގެ ގޮތުގައި ނުދިނުމަށް ކަމާއިބެހޭ އެންމެހައި ފަރާތްތަކަށް އަންގައި އަމުރު ކޮށްފައިވާ" އިބާރާތަކީ ގާނޫނާހިލާފު އިބާރާތެއް ކަމަށްވާތީ އެ އިބާރާތް ބާތިކޮށްލުމަށާއި އެ ހުކުމުގެ ދެން އޮތް ބައިތަކަކީ ގާނޫނީގޮތުން ސައްހަ ބައިތަކެއް ކަމަށް ކަނޑައަޅައި ހުކުމްކުރާ ކަމަށެވެ.
ސައުދުގެ ފަރާތުން، ހައިކޯޓުގެ އެ ހުކުމްވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ނަމަވެސް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވަނީ، މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމަށްވުމުން
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.