ލ މާވަށުގެ ދެކުނުން ދަތުރުކުރަމުން ދިޔަ “ނޫރު-2” ނަމަކަށްކިޔާ ދޯންޏެއްގައި އަލިފާން ރޯވެ އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ މާވަށުގެ ދެކުނުން ހަތް ނޯޓިކަލް މޭލު ބޭރުން “ނޫރު-2” ނަމަކަށްކިޔާ ދޯންޏެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް މިއަދު ހެނދުނު 07:15 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި ހާދިސާގެ މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ދިޔަ ކަމަށާއި ނަމަވެސް އޭރު އެ ދޯނި އޮތީ އަޑިއަށް ގޮސްފައި ކަމަށް ބުންޏެވެ.

އެމްއެންޑީއެފް އިން އިތުރު މައުލޫމާތު ދެވެން ބުނީ ދޯނި ދަތުރުކުރަމުން ދިޔައީ ރ. އަތޮޅު ރޮބިންސަން ރިސޯޓަށް ކަމަށެވެ. މި ހާދިސާ ހިނގިއިރު އެ ދޯނިން ދިވެއްސަކާއި ތިން ބިދޭސީން ދަތުރުކުރަމުން ދިޔައެވެ.

އޭގެތެރެއިން އެކަކު ކޮންމެވެސް ވަރަކަށް ފިހިފައިވާ ކަމަށާއި ދެން ތިބި މީހުންނަށްވެސް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި އެވްރެޖުކޮށް ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މި ހާދިސާގައި ފަޅުވެރިން ކަނޑުވެފައި ވަނިކޮށް ފެނުނީ މާވަށުގެ ދެކުނުން 6ނޯޓިކަލް މޭލު ބޭރުން ނެވެ.