މިދިޔަ ޖެނުއަރީ މަހު ވ. އަތޮޅު ވެމްޕަރ ފަޅު ހުޅަނގު އުތުރު ކަނޑުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލުނު ބިދޭސީ މީހާގެ ހަށިގަނޑު ނޫންކަން ކަށަވަރުކޮށްފި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ވ. އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑުން މަރުވެފައި އޮތް މީހަކު އޮޔާ ދަނިކޮށް ފެނިފައި ވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. އަދި މި ހަށިގަނޑު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ނެގިފައެވެ. އޮޔާ ދަނިކޮށް ފެނުނު މި ހަށިގަނޑު އޮތީ ކާކުކަން ނޭނގޭ ވަރަށް ކުނިވެފައެވެ. އެހެންކަމުން އެ ހަށިގަނޑަކީ ކާކުގެ ހަށިގަނޑެއްތޯ ދެނެގަތުމަށް ޑީއެންއޭ އެނަލިސިސް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

އޭގެ ދުވަސްތަކެއް ފަހުން މި ފެބްރުއަރީ މަހު 12ވަނަ ދުވަހު ފުލުހުން ވަނީ އެ ހަށިގަނޑުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އެ ހަށިގަނޑު ވަޅުލައިފިކަމަށް ބުނެފައެވެ.

މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނި ފަހުން، ފުލުހުން މިވަނީ މިއަދު އެ ހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލުނު ބިދޭސީމީހާގެ ހަށިގަނޑު ނޫންކަމަށް ބުނެފައެވެ. އެގޮތުން އެހަށިގަނޑަކީ އޮޔާއެކު ރާއްޖެއަށް އައިސްފައިވާ ހަށިގަނޑެއްތޯ ބެލުމަށް "އިންޓަނޭޝަނަލް ޕާޓްނާސް" އާ ވާހަކަ ދެކެވެމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.