ގދ ނަޑެއްލާ ކައުންސިލްގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ، އުކާލާާ ދަޅުތަކުގެ ތެެރެއިން އެލްމެނިއަމް ދަޅު ފުރަތަމަ ފަހަރައް ވިއްކާލައިފިއެވެ.

"ހުވަދޫ "އަށް މަޢުލޫމާތު ދެއްވަމުން ނަޑެއްލާ ކައުންސިލްގެ ނާއިބު ރައީސް ފައިސަލް ނަޖީބް ވިދާޅުވީ އެ ރަށުގައި ކުނި މެނޭޖް ކުރުމަށް ކުރީގެ ސަރުކާރުން ދިން އެހީތެރިކަމުގައި 2019 ވަނަ އަހަރު ގާއިމް ކުރި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އުކާލާާ ދަޅާ ބިއްލޫރި އަދި ޕުލާސްޓިކް, ޕްރެސް މެޝިން ގެ އެހީގައި ޕެކް ކޮށް ވިއްކުމަށް ނުހަނު ގިނަ މަސައްކަތް ތަކެއް ވަނީ ކައުންސިލުން ކޮއްފައި ކަމަށާއި ނަމަވެސް ގަންނާނެ ފަރާތެއް ނުލިބިގެން 4 އަހަރު ވެގެން ދިޔައީ ކަމަށެވެ. މިހާރު މިވަނީ އެ ތަކެތި ގަންނާނެ ފަރާތެއް ލިބިފައި ކަމަށާއި ރޭ ގައި ފުރަތަމަ ޝީޕްމެންޓް ރަށުން ބޭރު ކުރެވިފައި ވާ ކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.
ނައިބު ރައީސް ފައިސަލް ވިދާޅުވީ ފުރަތަމަ ބޭރު ކުރީ ހަމަ އެކަނި އެލްމެނިއަމް ދަޅު ކަމަށާއި ޕުލާސްޓިކާއި ބިއްލޫރި ވެސް ކުރިޔަށް އޮތް ތަނުގައި ވިއްކާނެ ކަމަށެވެ.

ނަޑެއްލާ އިން ރޭ ބޭރު ކޮއްފައި ވަނީ ކިލޯ އެއް 3 ރުފިޔާގެ ރޭޓުން 1153 ކިލޯ ކުންޏެވެ. އެ އަށް އަގުގެ ގޮތުގައި ލިބިފައި ވަނީ 3460.00 ރުފިޔާއެވެ.