ޗައިނާގެ ޔުނާން ޕްރޮވިންސްގެ އެހީތެރިކަމާއި އެކު މާލޭ ސިޓީ ކައުންސިލުން ފްރީ ވައިފައި، ޑިޖިޓަލް ލެޑް ސްކްރީން، ސްޕީކަރ ސިސްޓަމް،އަދި ސީސީޓީވީ ކެމެރާ ހިމެނޭ ސްމަރޓް ސްޓްރީޓް ލައިޓް ހަރު ކުރުމުގެ މަސައްކަތް މާލެ ސިޓީގައި އިފްތިތާޙް ކޮއްފި އެވެ.
އިއްޔެ އާރޓިފިޝަލް ބީޗް ސަރަޙައްދުގައި ފެށި މި މަޝްރޫއު އިފްތިތާހް ކޮށްދެއްވީ މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާއި ޔުނާން ޕްރޮވިންސްގެ ފަރާތުން ހެޑް އޮފް ޑެލިގޭޝަން މިސްޓަރ މަރ ޒުއޮޒިންއެވެ.
މި މަޝްރޫއުގެ ދަށުން އާރޓިފިޝަލް ބީޗުން ފެށިގެން ލޮނުޒިޔާރަތް ޕާކާއިހަމަޔަށް ވަނީ "ސްމާރޓް ސްޓްރީޓް ލައިޓް"ގެ 10 ޕޯލް ޖަހާފައެވެ. އެންމެ ފުރަތަމަ މި ޕޯލްތައް ހަރުކުރާނީ މައި މަގުތަކުގައެވެ. އެއަށްފަހު އެތެރޭގެ މަގުތަކުގައިވެސް އިތުރު ޕޯލްތައް ހަރުކުރެވޭނެއެވެ.

މި މަޝްރޫއު އިފްތިތާހް ކޮށްދެއްވުމަށްފަހު މޭޔަރ ޑރ މުއިއްޒު ވިދާޅުވީ މި އިފްތިތާހް ކުރެވުނީ ވަރަށް މުހިންމު މަޝްރޫއުއެއްކަމަށާއި، މިއީ ޗައިނާގެ ޔުނާން ޕްރޮވިންސް އާއި މާލެސިޓީ ކައުންސިލާއި މަޝްވަރާކުރެވި ޔުނާން ޕްރޮވިންސްގެ ފަރާތުން ކައުންސިލަށް ދެއްވި ހަދިޔާއެއް ކަމަށެވެ. އަދި މި ޕޯލްތަކުގެ ބޭނުމަކީ ކައުންސިލުން ބޭނުންވާ ޕަބްލިކް މެސެޖްތައް ދިނުމާއި، މުޖްތަމަޢުއަށް ބޭނުންވާ މުހިންމު މެސެޖްތަކާއި، އަދި ދީނީ އިރުޝާދުތަކާއި، ދީނީ ނަޞޭޙަތްތަކުގެ އިތުރުން ދުއާތައް ވެސް މި ޕޯލް މެދުވެރިކޮށް ފޯރުކޮށްދިނުން ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. އޭގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ފަސޭހަވާނެ ކަމަށް މޭޔަރު ފާހަގަ ކުރެްްވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.