މި ސަރުކާރުން ރާއްޖެ ތަރައްގީ ކުރުމަށް ހާއްސަ ތަސައްވަރެއް ގެންގުޅޭ ކަމަށާއި އެ ތަސައްވަރު އެއްކޮށް އަދި ފަސް އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން، މި ސަރުކާރުން ގެންގުޅޭ ތަސައްވަރަކީ މުޅި ރާއްޖެއާ ގުޅޭގޮތުން އޮތް ތަސައްވަރެއް ކަމަށާއި އެ ތަސައްވަރު ވަނީ ލިޔެވިފައި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ފާއިތުވި އަހަރުތަކުގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ އެއީ ރާއްޖޭގެ ވެރިކަން ކުރި ބޭފުޅުންގެ ވިސްނުންފުޅުގެ ސަބަބުން އައި ބަދަލުތަކެއް ކަމަށާއި އެއީ އެ ވެރިން ރާއްޖެއާ މެދު ދެކުނު ތަސައްވަރު ކަމަށެވެ. އަދި ތަރައްގީއަށް ބޭނުންވާ އެންމެ މުހިންމު އެއް އަސާސަކީ ދަތުރުފަތުރުގެ ފަސޭހަކަން ކަމަށްވާއިރު ވައިގެ ނިޒާމަށް ބޭނުންވާ އިންފްރާސްޓްރަކްޗަގެ 80 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ގާއިމްކޮށް، ފަޔަރ ބިލްޑިންގ އެއް އިމާރާތް ކޮށްފައިވެއެވެ. އަދި އައު ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.