އއ. އުކުޅަހުގެ ރައްޔިތުންނަށް ކުޅިވަރު ކުޅުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން އެ ރަށުގައި އަލަށް ތަރައްގީކުރި ޒަމާނީ ވޮލީ ކޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނައިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ ޖުމްލަ 1,359,163.58 ރުފިޔާގެ މަޝްރޫއެކެވެ. މި ކޯޓުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ.
އަލަށް ހުޅުވުނު މި ވޮލީ ކޯޓަކީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ތަނެކެވެ. އެގޮތުން ރޭގަނޑުވެސް ކުޅިވަރު ކުޅެވޭނެހެން ފުރިހަމަ ލައިޓިންގ ސިސްޓަމެއް މި ކޯޓުގައި ވަނީ ގާއިމުކޮށްފައެވެ. ކޯޓު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެ ތަނުގައި އެކުވެރިކަމުގެ ވޮލީ މެޗެއްވެސް ވަނީ ކުޅެފައެވެ.
މިއީ އަތޮޅުތެރޭގެ ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމި މަސައްކަތެކެވެ. މި ސިޔާސަތުގެ ދަށުން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 10 ރަށެއްގައި ވޮލީ ކޯޓު އެޅުމުގެ މަސައްކަތް ބާރުގޮތެއްގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.