ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު (ޝިއްޕެ) އެ މަގާމުން މިއަދު ވަކިކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (އިދާރީ)، މ. ބަނަފްސާވިލާ, އިބްރާހީމް ވަހީދުު (އިބުރޭ) މިއަދު އައްޔަން ކުރައްވައިފިއެވެ.

އިބްރާހިމް ވަހީދަކީ 2009 އިން 2012 އަށް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ހެލްތް އެންޑް ފެމިލީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަންކަމުގެ މަގާމު އޭނާ ފުރުއްވިއެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުގެ މަގާމާއި އެ ކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަގާމުވެސް އޭނާ ފުރުއްވާފައިވެއެވެ.
އޭގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމުވެސް އިބްރާހިމް ވަޙީދު ވަނީ 2007 އިން 2018 އަށް ފުރުއްވާފައެވެ.
ވެރިކަން ކުރާ އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޝިފާޒު މަގާމުން ވަކިކުރެއްވީ ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުންނެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން"ގައި އިސްކޮށް އުޅުއްވާ ޝިފާޒު ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަންކުރެއްވީ 22 ނޮވެމްބަރު 2018 ގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.