ހެލްތު މިނިސްޓްރީއަށް ނޯޓިސް ދިނުމަށް ފަހު ގދ ތިނަދޫ ގައި ކޮވިޑް ފެސިލިޓީ ހިންގަން ދިން އާބާދީ މަރުކަޒު ތިނަދޫ ކައުނަސިލަށް އަނބުރާ ނަގައިފިއެވެ.

ތިނަދޫ ކައުނަސިލުން އިއްޔެ ނެރެފައިވާ ނޯޓިސްގައި ބުނެފައިވަނީ ތިނަދޫ އާބާދީ މަރުކަޒު ބިމާއި އިމާރާތަކީ ކޮވިޑް 19 ބައްޔަށް ފައްސިވާ ބަލިމީހުންނަށް ފަރުވާ ދިނުމަށް، މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމާ އެއްގޮތަށް އެއްބަސްވުމެއްގެ ދަށުން ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާ ހަވާލުކުރެވުނު ބިމާ އިމާރާތެއް ނަމަވެސް އެއްބަސްވުމުގެ ދަށުން ހަވާލުކުރެވުނު ބޭނުން ކަމުގައިވާ ގދ.އަތޮޅުގައި ކޮވިޑް 19 ބައްޔަށް ފައްސިވާ ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވަޞީލަތްތަކާއެކު އެކަމަށް ޚާއްސަ މަރުކަޒެއް ތިނަދޫގައި ޤާއިމްކުރެވި ރައްޔިތުންނަށް ފަރުވާ ލިބިދިނުން ކަމަށެވެ. އަދި އެ ބޭނުމުގެ ޙާލަތު ފިލައިގޮސް، ޢިމާރާތް ދޫކުރެވުނު މަޤްޞަދާ އެއްގޮތަށް ބިމާ އިމާރާތް ބޭނުންކުރަމުން ނުދާތީ އާއި، އެޢިމާރާތުގެ ބޭނުން ތިނަދޫ ކައުންސިލަށް ނުހަނު ބޮޑަށް ޖެހިފައިވާތީ އެތަން އަނބުރާ ތިނަދޫ ކައުންސިލާއި ޙަވާލު ކުރުމަށް މިނިސްޓްރީ އޮފް ހެލްތުގައި ދަންނަވައި، އެކަމަށް އެއްވެސް އިޖާބައެއް މިހާތަނަށް ލިބިފައިނުވާތީ ، އެތަން ހުސްކޮށް ޙަވާލު ކުރުމުގެ ނޯޓިސް ދިނުމަށްފަހު 31 މާރޗް 2023 އިން ފެށިގެން މި ބިމާއި އިމާރާތް ވަނީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

4237132B-DE50-4AA1-BB55-2B8FFF0A441A
ތިނަދޫ އާބާދީ މަރުކަޒަކީ ތިނަދޫ އަށް މީހުން އަލުން އާބާދު ވީތާ 25 އަހަރު ފާހަގަ ކުރުމަށް ދަރުބާރުގެއެއްގެ ގޮތުގައި ތިނަދޫ ރައްޔިތުން 72 ގަޑި އިރު ތެރޭގައި ހެދި އިމާރާތެކެވެ. މި އިމާރާތަކީ 25 އަށް ވުރެ ގިނަ އަހަރު ވަންދެން ޖަލްސާ ތަކާ، ޙަފްލާ ތަކާއި އެކި ޙަރަކާތްތައް ހިންގުމަށް ބޭނުން ކުރި ތިނަދޫ ރައްޔިތުން ގެ އަމިއްލަ ޚަރަދުގައި 1981 ވަނަ އަހަރު ހެދި ތަނެކެވެ.
މިހާރު އެތަން ވަނީ ކޮވިޑް-19 ގެ ފެސިލިޓީ އަކަށް ބަދަލު ކުރުމަށް ބޮޑެތި ބަދަލުތައް ގެނެވިފައެވެ.
ތިނަދޫ އާބާދީ މަރުކަޒު ނުވަތަ ދަރުބާރުގެ ނެތުމުގެ ސަބަބުން ރަށުގައި ހިންގަން ޖެހޭ ބޮޑެތި ހަރަކާތްތަކާ ޖަލްސާ ފަދަ ކަންކަން ހިނގަނީ ކޮންމެ ވެސް ސްކޫލެއްގެ ހޯލު ބޭނުން ކޮށްގެންނެވެ.