އެސްޓީއޯ ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ހުސައިން އަމްރު އެ ކުންފުނީގައި ކުރި ކާމިޔާބު މަސައްކަތްތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ގދ ވާދޫ އިން ހަނދާނީ ފިަލައެއް އަރުވަން އެރަށު ކައުންސިލުން ނިންމާފައިވާ ކަމަށް ވާދޫ ރައީސް ޙަސަން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވާދޫ ރައީސް ޙަސަން ވިދާޅުވީ އެސްޓީއޯ އަމްރު އަކީ މިހާތަނަށް އެ ކުންފުނި ހޯދި އެންމެ ކުރިއެރުމާއި ތާރީޚީ ނަފާ އެއް ކުންފުންޏަށް ހޯދި ސީއީއޯ ކަމަށެވެ. އަދި ގދ ވާދޫ އަށް ވެސް އަމްރު ސީއީއޯ ކަމުގެ ދަށުން ކުރިއެރުން ތައް ލިބިފައި ކަމަށާއި އެގޮތަށް އެސްޓީއޯގެ ބޭސްފިހާރަ އަށް ބޭނުންވާ ބޭސް މެދުކެނޑުމެއް ނެތި ރަށަށް ލިބޭ ގޮތް ހެދުމާއި ކޮވިޑް-19 އާއި ގުޅިގެން ޤައުމު އެންމެ އަޑި އެޅި ވަގުތުގައި ވެސް ރާއްޖޭގެ ހުރިހާ ރަށް ތަކެކޭވެސް އެއްފަދައިން ވާދޫއަށް ވެސް ދަތި ނުކޮށް ކާޑުލިބޭނެ ގޮތް ހެދުމުގެ އިތުރުން ކޮންމެ ކަމެއްގައި ވެސް އެއްބާރުލުންދިން ލީޑަރެއް ކަމުގައި ރައީސް ޙަސަން ވިދާޅުވިއެވެ.

"ކައުންސިލުން މިހާރު ވަނީ އަމުރުގެ އަގު ވަޒަން ކުރުމަށް މަޝްވަރާ ކޮއްފައި ވާނެ. ވަރަށް އަވަހަށް އެ ޙަރަކާތް ބާއްވާނެ." ވާދޫ ރައީސް ޙަސަން ވިދާޅުވިއެވެ.

ޙަސަން ވިދާޅުވީ އެސްޓީއޯ އަމްރު އަށް ވާދޫ އިން ހަނދާނީ ފިލައެއް އަރުވަން ވަރަށް އަވަހަށް ދައުވަތު އަރުވާނެ ކަމަށެވެ.